ތުޅާދޫ ކައުންސިލްގެ ޑީއާރުޕީ މެމްބަރު އޮފީހަށް ނުކުންނަވަނިކޮށް އެ ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށްފި

ބ. ތުޅާދޫ ކައުންސިލްގައި ހިމެނޭ ޑީއާރުޕީގެ ހަމައެކަނި މެމްބަރު އުމެއިރާ އަބޫބަކުރު ކައުންސިލް އިދާރާ އަށް ނުކުނަންވަނިކޮށް އެ މަގާމު ހުސްވެފައިވާ ކަމަށް އިއުލާންކޮށް، އިލެކްޝަންސް ކޮމިޝަނުން އެ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތުޅާދޫ ކައުންސިލް މެމްބަރެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ލަފައާ އެކު އުމެއިރާ އަށް ކައުންސިލް އިދާރާއިން މިދިޔަ ހަފުތާގައި އަންގާފައި ވަނީ ވިދިވިދިގެން ކައުންސިލްގެ ހަތް ޖަލްސާ އަށް ހާޒިރުވެފައި ނުވާތީ ކަމަށް ބުނެ އެވެ. ނަމަވެސް އެ ކައުންސިލްގެ ނިންމުން ގަބޫލުނުކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ އެ ކައުންސިލުން އަމަލުކުރަމުން ދަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އެ ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވައި ދިނުމަށް އިލެކްޝަނުގައި އެދުނީ އުމެއިރާ އަކީ މެމްބަރެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ވެސް ލަފާދީފައިވުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބުދަ ދުވަހު ވެސް އުމެއިރާ އޮފީހަށް ނުކުންނަވައި ސޮއި ވެސް ކުރެއްވި. އެކަމަކު މިއަދު އޮފީހަށް ހާޒިރެއް ނުވޭ،" ރަޝީދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެ ދާއިރާގެ އިންތިހާބު އިއުލާންކޮށްފައި ވަނީ އުމެއިރާ ވަކިކުރުމުގައި ކަންތައް ހިނގާފައި ވަނީ "މުޅިން ރަނގަޅަށް ނޫން" ކަމަށް އަތޮޅު ކައުންސިލުން ވެސް ބުނެފައި ވަނިކޮށެވެ.
އިލެކްޝަނުން ހަމަޖައްސާފައިވާ ގޮތުން ތުޅާދޫން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމުގެ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 20 ގަ އެވެ. އަދި މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެ މަގާމަސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ތުޅާދޫ ބައި އިލެކްޝަނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އެ ކޮމިޝަންގެ ވެބްސައިޓުގައި ޝާއިއުކޮށް ގެޒެޓްކުރަން ވެސް ފޮނުވާފައިވާ ކަމަށް އިލެކްޝަނުން ބުންޏެވެ.
އުމެއިރާ ކައުންސިލް މެމްބަރެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް އަންގާފައި ވަނިކޮށް ވެސް އޭނާ އޮފީހަށް ނުކުތުމުން ބައެއް ކައުންސިލަރުން ވަނީ ނުރުހުންފާޅުކޮށްފަ އެވެ. އަދި ކައުންސިލްގެ ލިޔެކިޔުންތަކާއި ކޮމްޕިއުޓަރުގައި ވެސް އޭނާ އަތް ނުލުމަށް ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ