ދެ ވަނަ ސްކޫލް ކުރިކެޓް ލީގްގެ 15 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން ފަށައިފި

އެސްޓީއޯ އިން ސްޕޮންސާ ކޮށް، ކުރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ ދެ ވަނަ ސްކޫލް ކުރިކެޓް ލީގްގެ 15 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން އިއްޔެ ފަށައިފި އެވެ.
ފަނަރަ އަހަރުގެ އުމުރު ފުރައިގައި ބައިވެރިވި ސުކޫލްތަކަކީ ދަރުމަވަންތަ ސްކޫލާއި ކަލާފާން ސުކޫލާއި ޖަމާލުއްދީން ސުކޫލާއި ގިޔާޒުއްދީން ސުކޫލާއި މުހިއްދީން ސުކޫލާއި ތާޖުއްދީން ސުކޫލް އަދި އިސްކަންދަރު ސުކޫލެވެ.
މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް ކަލާފާން ސުކޫލާއި ބައްދަލުކޮށް 39 ލަނޑުން ކާމިޔާބު ކުރީ އިސްކަދަރު ސުކޫލެވެ. އަދި އިއްޔެގެ ދެ ވަނަ މެޗް ޖަމާލުއްދީން ސްކޫލާ ބައްދަލުކޮށް ނުވަ ވިކެޓުން ކާމިޔާބު ކުރީ މުހިއްދީން ސުކޫލެވެ.
އިއްޔެގެ ފުރަތަމަ މެޗް ޓޮސް ދިމާވުމުން އިސްކަންދަރު ސުކޫލް ކުޅެންއަރާ 15 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 139 ލަނޑު ހެދި އެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 32 ލަނޑުހެދި ފާއިދު އެވެ. ޖަވާބުގައި ކަލާފާން ކުޅެންއަރައި 15 އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 101 ލަނޑުހެދި އެވެ. އަދި އެންމެ ރަނގަޅަށް ކުޅުނީ 18 ލަނޑުހެދި ޓީމުގެ ކެޕްޓަން އައިހަމް އެވެ.
މީގެ އިތުރުން އިއްޔެ ކުޅުނު ދެ ވަނަ މެޗް ޓޮސް ދިމާވުމުން މުހިއްދީން ގަސްތުކުރީ ހޮވުމަށެވެ. ޖަމާލުއްދީން ކުޅެންއަރައި 15 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 113 ލަނޑުހެދި އެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 17 ލަނޑުހެދި އަރަވިންދު އެވެ. ޖަވާބުގައި މުހިއްދީން ކުޅެންއަރާ ނުވަ އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 115 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 36 ލަނޑުހެދި އާދަމް ނާސިފެވެ.
ކުޅިވަރު އެކުއެނީ ކުރިކެޓް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި މިއަދު ވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގެ ކުޅުން ވަނީ މެންދުރުގެ ކުރީގައި ނިންމާލައިފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރީ ތާޖުއްދީނާއި ދަރުމަވަންތަ ސުކޫލެވެ. އަދި މިއަދުގެ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ގިޔާޒުއްދީނާއި ކަލާފާން ސުކޫލެވެ. މެޗް ފަށާ ގަޑިއަކީ މިއަދު 2:00 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ