މައުމޫން ފެކްޝަނުގެ ޖަލްސާއަކީ މާރާމާރީ އާއި ކުށްކުރުމާ ދެކޮޅަށް ބާއްވާ ޖަލްސާއެއް: މަހުލޫފު

ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާއަކީ މާރާމާރީ އާއި ކުށްތަކާ ދެކޮޅަށް ޝުއޫރު ފާޅުކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށް އެ ފެކްޝަނުން ބުނެފި އެވެ.
ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ބުދަ ދުވަހު ވިދާޅުވީ، މާރާމާރީ ހިންގުމާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ ޒުވާނުންގެ މެދުގައި ބޮޑުވެފައިވާ އިރު އެކަމާ މެދު ވާހަކަ ދައްކައި ހައްލެއް ހޯދުމަކީ ކޮންމެހެން ވެސް ކުރަން ވެއްޖެ ކަމެއް ކަމަށެވެ. އަދި މިކަމަށް އެކަށީގެންވާ ހައްލެއް ހޯދޭނީ އެންމެން އެއްތަންވެ، އެކަމާ މެދު ވާހަކަ ދައްކައި މަޝްވަރާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ލޮނުޒިޔާރަތްކޮޅު ސުނާމީ ބިނާ ކައިރީގައި ކުރިއަށް ގެންދާ އެ ޖަލްސާގައި ޑީއާރުޕީގެ އިތުރުން އެހެން ބައެއް ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ވާހަކަ ދައްކަވާނެކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ކުށްތައް އިތުރުވަމުންދާ ސަބަބާއި އެ ކަންތައްތައް ހުއްޓުވޭނެ ގޮތްތަކާ ބެހޭ ގޮތުން ޖަލްސާގައި އެ ބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށެވެ.
މަހުލޫފް ވިދާޅުވި ގޮތުގައި މާލޭގައި ހިންގާ ކުށްތައް ހުއްޓުވުމަށް މީގެ ކުރިން ވެސް ޑީއާރުޕީގެ ޒުވާނުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން މާލޭގައި ހަރަކާތްތެރިވާ އެކި ގުރޫޕުތަކުގެ އިސް މީހުންނާ ވާހަކަ ދައްކައި، މަޝްވަރާތައް ވަނީ ކޮށްފަ އެވެ. އަދި އެ މަޝްވަރާތަކާ ގުޅިގެން ހައެއްކަ މަސް ވާންދެން މާލޭގައި އެއްވެސް ކަހަލަ މާރާމާރީއެއް ނުހިނގާ އޮތް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"މިހާރު މާލޭގައި ކުށުގެ ހާލަތު މިއޮތީ ގާނޫނުތައް ހަދައިގެން އޭގެ ބާރުން މީހުން ހައްޔަރު ކޮށްގެން ކުށްތައް ހުއްޓުވޭނެ ފަދަ ހާލަތެއްގައެއް ނޫން. ޒުވާނުންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތަކާއި އެކި އެހެނިހެން ޕްރޮގްރާމްތައް ހިންގައި، ސްކޫލުތަކުގެ ބައެއް ދަރިވަރުންނަށް ބައެއް ކަހަލަ މާއްދާތައް މަޖޫބޫރުން ނަމަވެސް ކިޔަވައިދީގެން މައްސަލަތަކަށް ހައްލެއް ގެނެވޭނީ،" މަހުލޫފް ވިދާޅުވި އެވެ. "އެހެން ނޫން ނަމަ އަޅުގަނޑުމެން މިއިން ދުވަހަކު ނުދެކޭ ފަދަ ދަރަޖައަކަށް ރާއްޖެ ގޮސްދާނެ."
ހުކުރު ދުވަހުގެ ރޭގެ ޖަލްސާގައި ޑީއާރުޕީގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވަޑައިގަތުމާ ބެހޭ ގޮތުން އަދި ވަކިގޮތެއް ހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ޖަލްސާގައި ޕީއޭ އާއި ޖުމްހޫރީ ޕާޓީ ފަދަ އެހެނިހެން ޕާޓީތަކުން ބައިވެރިވެޑައިގެންނަވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. މައުމޫން ފެކްޝަނުން ހުކުރު ދުވަހުގެ ރޭ ޖަލްސާ ބާއްވާއިރު މާރާމާރީ އާއި ކުށްތަކާ ދެކޮޅަށް ޑީއާރުޕީން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ