މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އުނދަގޫ ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ބިދޭސިންގެ އަދަދު މަދުކޮށް އެ ދެ ދާއިރާއަށް ދިވެހިން ނެރުމަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.
ތަފްސީލް - އެ ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ޕްރައިމަރީ ސިނާއަތްތަކަށް ދިވެހިން ހޯދުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
"ވަކިން ހާއްސަކޮށް މަސްވެރިކަން. މަސްވެރިކަމަކީ ވަރަށް ޔުނީކް މަސައްކަތެއް. އަދި އަޅުގަނޑުމެން މި ކުރާ ހޭންޑް ލައިން އަދި ޕޯލް ލައިން މަސްވެރިކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ނުކުރާ މަސްވެރިކަމެކޭ ބުންޏަސް ކުށަކަށް ނުވާނެ،" ޝިޔާމް ވިދާޅުވި އެވެ.
"މި އިންޑަސްޓްރީތަކުގައި ކުރީގަ ތިބި [ދިވެހިން]. މިހާރު ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައި މިއޮތީ ދިވެހިން މި ސިނާއަތަށް، ހާއްސަކޮށް މަސްވެރި ސިނާއަތަށް ގެނައުމަށް."
ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވައި އެ ސިނާއަތަށް ނެރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ފަސް ޒުވާނަކު، ރާއްޖޭގައި އެންމެ ރަނގަޅަށް މަސްވެރިކަން ކުރާ ފަސް ދޯންޏަކަށް އަރުވައިގެން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިން... އަދި އެ ފަސް ޒުވާނުން އެބަ ތިބި އެ ފަސް ދޯނީގައި އެ ޕްރޮގްރާމު ނިންމުމަށް ފަހު ވެސް."
ޝިޔާމް ވިދާޅުވީ މި އަހަރު ވެސް އިތުރު ޒުވާނުންތަކަކާ އެކު އެ ޕްރޮގްރާމު ކުރިއަށް ގެންދިޔުމަކީ އަމާޒު ކަމަށެވެ.
މަސްވެރިކަމަށް ދިވެހިން ނުނުކުންނަ ސަބަބުތައް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ކުންފުނިތަކުން ވަޒީފާދީ، ސިޔާސީ މަންފާ ހޯދުމަށް މަސްވެރިކަމުގައި އުޅޭ މީހުން ބޭނުންކޮށްފައި އެބަހުރި ކަމަށެވެ.
"އަނެއް ކަމަކީ ދައުލަތުން މަސްވެރިންނާއި ދަނޑުވެރިންނާ ދޭތެރޭ ދެކޭ ގޮތް. ދައުލަތް ދަންނަ މީހުންނަށް މަސްވެރިން ނުވެސް ވޭ ހަގީގަތުގައި،" އޭނާ ވިދާޅުވި އެވެ.
މަސްވެރިކަމުގައި އުމުރު ހޭދަކޮށް އެ މަސައްކަތް ހުއްޓަލާ އުމުރަށް ދާއިރު ވެސް ދައުލަތަށް އެއީ ކޮން މަސައްކަތެއްގައި އުޅުނު، ކިތައް ދަރިން ބޮޑުކޮށް މުޖުތަމައަށް ނެރުނު މީހެއްތޯ ވެސް ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާ ހިދުމަތްތެރި ބައެއް މަސްވެރިންނަކީ. [އެކަން] ދައުލަތެއް ނުދަނޭ. އެއްވެއް ބޭންކެއް ނުދަނޭ. ފައިނޭންސިން އިންސްޓިޓިއުޓެއް ނުދަނޭ. ކުއްޖަކަށް ކިޔަވައިދެން ލޯނެއް ނުނެގޭ. ގެދޮރު އިމާރާތްކުރަން ވެސް ލޯނެއް ނުނެގޭ. އެހެންވީމާ ދައުލަތް އަދި މާލީ ނިޒާމު ވެސް ނުދަންނަ ބަޔަކަށް މަސްވެެރިން ވެފައި މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިހާރު މަސްވެރިންގެ ދަފްތަރެއް އެކުލަވާލެވި، މަސްވެރިންނަކީ ސަރުކާރުގެ މުއައްސަސާތަކާއި ބެންކުތައް ބަލައިގަންނަ ބަޔަކަށް ވެފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ މަސްވެރިކަމަކީ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަކަށްވާތީއްޔާ އެކު މަޑުމަޑުން މަޑުމަޑުން މަސްވެރިކަމަށް އެބަ އާދޭ،" އޭނާ ވިދާޅުވި އެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމަށް ދިވެހިން ނެރުމަކީ އަދިވެސް ސަމާލުކަން ދީގެން ކުރަންޖެހޭ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިކަމަށް ދިވެހިން ހޯދަން އުނދަގޫ: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ