ފ އަތޮޅުގައި ސައުދީން ހިންގާނެ ކަމަށްބުނާ މަޝްރޫއާބެހޭ ފުރިހަމަ ތަފްސީލު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން، ރައީސް ޔާމީނަށް މިކަމަށް އެދި ގޮވާލައްވާފައިވަނީ ރައީސް ޔާމީން އަށް ރައީސް މައުމޫން ފޮނުއްވެވި ސިޓީފުޅެއްގަ އެވެ.
އެ ސިޓީފުޅުގެ ކޮޕީއެއް، ރައީސް މައުމޫން ފެކްޝަނުން މީޑިއާއާ ހިއްސާކޮށްފައިވާއިރު އެ ސިޓީގައި ރައީސް މައުމޫން ލިޔުއްވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ގައި “ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް މިލްކުކޮށް ނުދިނުމާއި، ޢަސްކަރީ ބޭނުން ތަކަށް ދިނުން” މި ސުރުޙީ ގެ ދަށުން 251 ގެ (ހ) ގައި “ދިވެހި ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެއެވެ.” ކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. އަދި ޕީ.ޕީ.އެމް ގެ އަސާސީ ޤަވާއިދުގެ “ޕާޓީގެ މަޤުޞަދުތައް” ކަމަށްވާ ބާބުގެ 10 ވަނަ މާއްދާގެ (ށ) ” އަދުގެ ދިވެހިންނާއި އަންނަނިވި ޖީލުތަކުގެ ދިވެހިންނަށްޓަކައި އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، ރައްކާތެރިކޮށް ދެމެހެއްޓުން އަދި އެއިންކަމަކަށް އުނިކަމެއް އަތުވެދާނެ އެންމެހާ ކަންކަމުން ރާއްޖެ ސަލާމަތް ކުރުން”، އޭގެ އިތުރުން 10 ވަނަ މާއްދާގެ (މ) ” ރާއްޖޭގެ އެންމެ ބޮޑު ރައުސްމާލަކީ ރާއްޖޭގެ ރައްޔިތުން ކަމުން، ރާއްޖޭގެ ބިންތަކާއި ކަނޑުތަކާއި އެތަންތަނާއި ގުޅިފައިވާ އެންމެހާއި ޤުދުރަތީ ވަސީލަތްތަކުގެ ޙަޤީޤީ މުއްސަދިކަން އިންސާފުވެރި ކަމާއެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުންނަށް ތަނަވަސްކަމާއި ތިޔާގިކަން ގެނެސްދިނުން” ހިމެނޭ ކަމަށެވެ. އަދި ޕީ.ޕީ.އެމް ގެ އަސާސީ ޤަވާއިދުގެ “މައިގަޑު އުޞޫލުތައް” މި ބާބުގެ 11 ގެ (މ) ” ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި، ދިވެހި ރާއްޖޭގެ ޤުދުރަތީ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށް ދިނުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން” މިހެން އޮންނަ ކަމަށެވެ.
މީގެ، އިތުރުން ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭގޮތަށް ޤާނޫނު އަސާސީ ބަދަލުކުރުމަށް މަޖިލީހަށް ހުށަހެޅުމާއެކު، ދިވެހިރާއްޖެގެ ބިން މިލްކު ކުރުމުގެ ހައްޤު ބޭރުގެ ފަރާތް ތަކަށް ދޫކުރުމަކީ ދިވެހިރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ދެރަގޮތްތަކެއް ކުރިމަތިވެދާނެކަމެއް ކަމަށާއި، މި މައްސަލައިގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކޮށް 22 ޖުލައި 2015 ގައި ޕީ.ޕީ.އެމް ގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބދުލް ޤައްޔޫމް ވަނީ ރައީސުލް ޖުމްހޫރިއްޔާއަށް ސިޓީފުޅަކުން ދަންނަވާފައި ކަމަށާއި ނަމަވެސް ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް، އަދި ޕާޓީގެ 2013 ގެ ޤައުމީ ޖަލްސާއިން ޕާޓީގެ ލޮބުވެތި އާންމު މެންބަރުން ފާސްކުރައްވާފައިވާ ޤަވައިދުތަކާއި އުޞޫލުތަކާއި ޚިލާފަށް، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީ އަށް ގެނެވުނު އިސްލާޙު ރައްޔިތުންގެ މަޖިލީހުގެ ޕީ.ޕީ.އެމް ގެ ގިނަ މެންބަރުންގެ ވޯޓާއިއެކު ވަނީ ފާސްކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީ އަށް ބޮޑެތި އެތައް ބަދަލުތަކެއް ގެނެސް ފާސްކުރިއިރު ޕީ.ޕީ.އެމް ގެ ކައުންސިލާއި މަޝްވަރާއެއް ނުކުރަށްވާ، ޕީ.ޕީ.އެމް ޕީ.ޖީ ގްރޫޕުންވެސް ޕާޓީގެ ރައީސް ގެ އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަންނަ ކަމަށާއި އަދި ޕާޓީގެ ރައީސް ގެ އެއްވެސް ސިޓީ ފުޅަކަށް ޖަވާބެއްވެސް ނުދެއްވައެވެ. ކަން މިހެން ހުރި ނަމަވެސް ޕީ.ޕީ.އެމް ގެ މުސްތަޝާރު ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ވަނީ ޤާނޫނު އަސާސީއަށް ގެނެވުނު ބޮޑެތި ހުރިހާ ބަދަލުތަކެއް ތަސްދީޤު ކުރައްވާފައިވާކަން ފާހަގަކުރައްވާފައި ވެ އެވެ.
“ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގެ އަތޮޅެއް ކަމަށްވާ “ފ” އަތޮޅު އެއްކޮށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހި ސަރުކާރުން ވިއްކާލުމަށް ނިންމާފައިވާ ކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރިފައި ވަނިކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ “ފ” އަތޮޅަށް އެންމެ ފަހުން ކުރެއްވި ދަތުރު ފުޅުގައި، އެރަށުގެ ރައްޔިތުންނާ މުޚާތަބުކޮށް ވިދާޅުވެފައި ވަނީ ސަޢޫދީ ސަރުކާރުގެ ވިޔަފާރީގެ ބޮޑު މަޝްރޫޢެއް “ފ” އަތޮޅުގައި ހިންގަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް، ނަމަވެސް މި ޕްރޮޖެކްޓާއި ބެހޭ އިތުރު އެހެން އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވޭ، އަދި ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނިކޮށް، ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު އަންނަމަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމުގެ މަޢުލޫމާތު މީޑިއާއިން ވަނީ ލިބިފައެވެ. އެގޮތުން މީޑިއާގައި މިހާރު އެންމެ ބާރަށް ދަޢުރުވަމުންދާ އެއް ވާހަކައަކީ ދިވެހި ސަރުކާރުން “ފ” އަތޮޅު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭ ކަމުގެ ޚަބަރުތައް، ދިވެހިރާއްޖޭގެ ބިމުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ވިއްކާ އަދި އެތަނަކުން މާލީ ފައިދާ ދާއިމަށް ބޭރުގެ ފަރާތްތަކަށް ލިބުމަކީ ދިވެހި ރައްޔިތުން އެދޭނެ ކަމެއްނޫނެވެ. އަދި ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި ރައްކާތެރިކަމާއި ގުޅިފައިވާ މިކަހަލަ މަޝްރޫޢުތަކުގެ ފުރިހަމަ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ދިވެހިރާއްޖޭގެ ސަރުކާރަށް ލާޒިމު ކަމެއް، “ފ” އަތޮޅުގެމިމަޝްރޫޢުއާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފު ނުވާތީ އެ އަތޮޅުގެ ރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުން، ވީމާ މިކަމުގެ ޞައްޙަމަޢުލޫމާތު ދިވެހި ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދެއްވުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ” ރައީސް މައުމޫންގެ ސިޓީފުޅުގައި ވެ އެވެ.
އެ ސިޓީފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ އެހެންކަމުން ދިވެހި ރާއްޖެގެ މިލްކުވެރި ކަމުގެ ދަށުގައިވާ އެއްވެސް ތަނެއް، ބޮޑެތި އިޤްތިޞާދީ މަޝްރޫޢު ތަކުގެ ނަމުގައި، ބޭރުގެ އެކިއެކި ފަރާތް ތަކަށް ވިއްކައި އޭގެ މާލީ ނަފާ އެފަރާތްތަކަށް ދާއިމަށް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އެއްވެސް ސަރުކާރަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަހަލަ މަޝްރޫޢު ތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މުސްތަޤުބަލު ބަނަވެ އަންނަން އޮތްޖީލުތަކަށް ފޫނުބެއްދޭވަރުގެ ގެއްލުމެއްވާނެ ފަދަ އެއްވެސް ކަމެއް ޕީ.ޕީ.އެމް ގެ ސަރުކާރަކުން ކޮށްގެން ނުވާނެއެވެ. އަދި ބޭރުގެ އެކިއެކި ނުފޫޒުތަކުން އެއްކިބައިވެފައިވާ މިނިވަން ޤައުމެއްގޮތުގައި ދިވެހިރާއްޖެ ދަމަހައްޓާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ފ އަތޮޅުގެ މަޝްރޫއާބެހޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ދިނުމަށް ރައީސް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ