ލުތުފީ ފިލައިގެން އުޅެނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި: އުމަރު

ނޮވެމްބަރު 3، 1998 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅެނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ތެރޭގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވި އިރު އޭނާގެ ހޯމް މިނިސްޓަރު ކަމުގެ ދުވަސްވަރުގައި ވަނީ ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނެވޭ ފަދަ މައުލޫމާތެއް ދޭ މީހަކަށް 10،000 ޑޮލަރު (154،200 ރުފިޔާ) އިނާމެއް ދޭން ނިންމައިފަ އެވެ. ނަމަވެސް އެ ދުވަސްވަ ރު އެފަދަ އެއްވެސް މައުލޫމާތެއް އެނގޭ ކަމެއް ވިދާޅެއް ނުވެ އެވެ.
ލުތުފީއާ ބެހޭ މައުލޫމާތު އެނގޭ މީހަކަށް 10،000 ޑޮލަރު ދޭން ނިންމި ހަބަރު ރީ ޓުވީޓު ކުރައްވަމުން އުމަރު ރޭ ވިދާޅުވީ ލުތުފީ ފިލާ ހުރީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ތެރޭގައި ކަމަށެވެ.
ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި މައްސަލަ ލުތުފީ މައްޗަށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނިކޮށް ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި އޭނާ ބޭސްފަރުވާއަށް ލަންކާއަށް ފޮނުވައިލި ފަހުން އަނބުރާ ނާދެ އެވެ.
އޭގެ ފަހުން ކޮންމެ ސަރުކާރަކުން ވެސް ވަނީ ލުތުފީ ގެނައުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި އަހުމަދު އަޒްލީން ހުންނެވި އިރު ވެސް ލުތުފީ ވަރަށް އަވަހަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ލުތުފީއާ ބެހޭ މައުލޫމާތު ހޯދުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މަޖިލީހަށް ހޯމް މިނިސްޓަރު ހާޒިރު ކުރުމަށް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ