އެމްއެމްޕީއާރުސީ ފައިސާ ހޯދަން ރައީސް ޔާމީން ގުޅުއްވާ، ކޮރަޕްޝަން ފައިސާ ގެޔަށް ވެސް ގެންދިޔަ: އަދީބު

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފައިސާ އަމިއްލަ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ހޯދަން ރައީސް އަބްދުﷲ ޔާމީން ގުޅުއްވާ ކަމަށް އެ ކޮރަޕްޝަން ހިންގުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މަނީ ލޯންޑަރިންގެ ދައުވާގައި، އެމަނިކުފާނާއި ދެކޮޅަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ ކެމްޕެއިން ފައިސާއެއް ދިނުމަށް ރައީސް ޔާމީނު ނުގުޅުއްވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީ ކޮރަޕްޝަން ފައިސާގެ ކަންކަމުގައި ރައީސް ޔާމީން ވަރަށް ގިނައިން ގުޅުއްވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާ ކުރި އެސްއޯއެފް ކުންފުނީގައި އުޅުނީ ރައީސް ޔާމީނުގެ ވެސް އެކުވެރިން ކަމަށް އަދީބު ކޯޓުގައި ވިދާޅުވުމުން ރައީސް ޔާމީނު ވަނީ ސީދާ އަދީބާ އެކަމާ ގުޅިގެން ސުވާލު ކުރައްވައިފަ އެވެ. އެމީހުންނަކީ ގާތް އެކުވެރިން ކަމަށް އަދީބު ވިދާޅުވާއިރު، އެ މީހުންނަކީ ރައީސް ޔާމީނުގެ ވެސް އެކުވެރިން ކަމަށް ވިދާޅުވަނީ ކޮން އުސޫލަކުން ކަން ރައީސް ޔާމީން ސާފްކުރަން ބޭނުންފުޅުވި އެވެ.
އެގޮތުން އެ ސުވާލުގެ ޖަވާބުގައި އަދީބު ވިދާޅުވީ އެސްއޯއެފްގައި އުޅުނީ ރައީސް ޔާމީނުގެ ވެސް އެކުވެރިން ކަމަށް ވިދާޅުވީ އެ މީހުންނަކީ ރައީސް ޔާމީނު ވެސް މުއާމަލާތް ކުރާ މީހުން ކަމަށް ވުމުން ކަމަށެވެ. އަދި އަދީބުގެ ފޯނުގައި ހުރި މެސެޖުތަކުގެ އިތުރުން ފުލުހުންގެ އަތުގައި ހުރި ހެކިތަކުން ވެސް އެކަން ސާފުވާނެ ކަމަށް އަދީބު ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް، އެސްއޯއެފްގައި އުޅުނު މީހުންނަކީ ފައިސާ ހިފައިގެން ރައީސް ޔާމީނުގެ ގެކޮޅަށް ވެސް ދާ މީހުން ކަމަށް އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ރައީސް ޔާމީނުގެ އެކައުންޓަށް ވަތް އެއް މިލިޔަން ޑޮލަރަކީ ކެމްޕެއިން ފައިސާ ކަމަށް ރައީސް ޔާމީނު ވިދާޅުވާއިރު އެއީ އިތުރުފުޅެއް ކަމަށެވެ. އެގޮތުން އެ ފައިސާ ޖަމާކުރެވުނު ދުވަސްވަރަކީ އެއްވެސް އިންތިހާބެއް އޮތް ދުވަސްވަރެއް ނޫން ކަމަށާއި، ކެމްޕޭނަށް ފައިސާ ހޯދަނީ އިންތިހާބެއް ކައިރިވުމުން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
ކެމްޕޭން ފައިސާ ނޫން އެހެން ފައިސާއެއް ރައީސް ޔާމީނާ ހަވާލުކުރަން އެއްވެސް ފަރާތަކުން ނުލިބޭ ކަމަށް ވެސް އަދީބު ވދާޅުވި އެވެ. އެގޮތުން ކެމްޕޭނަށް ލިބުނު ފައިސާގެ އިތުރުން ދެން ލިބުނު ފައިސާ އަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.
ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހިމެނޭ ބޮޑު ކޮރަޕްޝަނުގެ ތެރެއިން ރައީސް ޔާމީނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ވަދެފައިވުމުން އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ހެދި އެސްކްރޯ އެގްރީމަންޓާ ހިލާފަށް އެހެން ފައިސާތަކެއް ހަވާލުކުރި މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ