ރައްޔިތުންގެ މަޖިލީހަށް އެންމެ ގާބިލް ބޭފުޅުން ހޮވުމަކީ ރައްޔިތުންނަށް ވާޖިބެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ ފާރިސް މައުމޫންގެ ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ދާއިރާތަކަށް މެމްބަރުން ހޮވުމުގައި އެންމެ ގާބިލް ކެންޑިޑޭޓަކީ ކާކުތޯ، އެ ދާއިރާއެއްގެ ރައްޔިތުން ބަލަން ޖެހޭނެ ކަމަށާއި ތިމާއާ ގާތް ގުޅުމެއް އޮތް މީހެއްތޯ ބެލުމަށް ވުރެ އެ ކެންޑިޑޭޓެއްގެ ސިފަތަކަށް ބެލުން މުހިންމު ކަމަށެވެ.
"ކޮންމެ ދާއިރާއެއްގެ ރައްޔިތުންނެއް ވެސް ވަރަށް ބޮޑަށް ވިސްނަވަން ޖެހޭ އެ ދާއިރާއަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާ ބެހޭގޮތުން އެބޭފުޅުންގެ ތައުލީމާއި ތަޖުރިބާއާއި ގާބިލުކަމާއި އެބޭފުޅުން މާޒީގައި ކުރައްވާފައިވާ ކަންތައްތަކާއި އެއްވެސް ކަހަލަ ނޭދެވޭ ކަމެއް ކުރައްވާފައިވޭތޯއާއި އެއީ އިތުބާރު ކުރެއްވޭ ވަރުގެ ބޭފުޅެއްތޯއާއި އަދި އަމާނާތް ތެދުވެރިކަމާއެކީގައި އުފުއްލަވާނެ ބޭފުޅެއްތޯއާ، މިކަންތައްތަކާ ބެހޭގޮތުން ދާއިރާގެ ރައްޔިތުން ޖެހޭ ވަރަށް ބޮޑަށް ވިސްނަން. ވިސްނަވާފައި ދާއިރާގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާ މިދެންނެވި ގޮތްގޮތުން އެންމެ އެކަށީގެންވާ އެންމެ ގާބިލު ބޭފުޅަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރެއްވުމަކީ ތިބޭފުޅުންގެ ވާޖިބެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ކޮންމެ ބޭފުޅަކު އިންތިހާބު ކުރިޔަސް އެވާނީ ވަރަށް މުހިންމު ބޭފުޅަކަށް ކަމަށާއި އެބޭފުޅާ ވެގެންދާނީ ދާއިރާގެ ރައްޔިތުންގެ އަމާނާތް ކޮނޑުގައި އަޅުއްވައިގެން ތެދުވެވަޑައިގަންނަވާ ބޭފުޅަކަށް ކަމަށެވެ.
"އެބޭފުޅާ ވެގެންދާނީ ތިބޭފުޅުންނަށް ތެދުވެރި ހިދުމަތްތަކެއް ކޮށްދެއްވާ ބޭފުޅަކަށް. އެގޮތުން ފާރިސް ކަމަށް ވިޔަސް، އަދި އެހެން ބޭފުޅަކަށް ވިޔަސް އެބޭފުޅަކު އެ ތެދުވެވަޑައިގަންނަވަނީ ވަރަށް މުހިންމު މަސްއޫލިއްޔަތަކައިގެން. އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމުގައި ދާއިރާތަކުގެ ރައްޔިތުން އަދާކުރައްވަންޖެހޭ ވަރަށް މުހިންމު ރޯލެއް. އެއީ އެބޭފުޅުން އެ އިހުތިޔާރު ކުރައްވަނީ އެބޭފުޅުންގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކުރައްވާނެ ބޭފުޅެއް. އެބޭފުޅުންގެ އިހުސާސްތަކާއި ޝުއޫރުތަކާއި ކަންބޮޑުވުންތަކާއި އެބޭފުޅުންގެ އުންމީދުތައް ރައްޔިތުންގެ މަޖިލީހުގައި ހާމަކޮށްދެއްވާނޭ ބޭފުޅުން. މިއީ ވަރަށް ބޮޑު އަމާނާތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ގާތް މީހަކަށް، އެކުވެރިޔަކަށް، އާއިލާގެ މެމްބަރަކަށް، ނުވަތަ ސިޔާސީ ގޮތުން ގުޅިފައިވާ މީހަކަށް ވޯޓު ދިނުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އެންމެ ގާބިލް ބޭފުޅުން ހޮވުމަކީ ރައްޔިތުންނަށް ވާޖިބެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ