ސިވިލް ކޯޓުގެ ގާޒީ ފަހީމްގެ މައްސަލައެއް ވެސް ބަލަން ޖޭއެސްސީން ނިންމައިފި

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ އެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ. އެ މައްސަލަ ބެލުމަށް ތިން މެމްބަރުންގެ ކޮމިޓީއެއް މިއަދު ވަނީ ނަގާފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް އަދި ކޮމިޝަންގެ މެމްބަރު ހިސާން ހުސައިންއެވެ. ސިވިލް ކޯޓުގެ ގާޒީ ކަމަށް ފަހީމް އައްޔަން ކޮށްފައި ވަނީ 2015 ވަަނަ އަހަރުގެ ކުރީކޮޅުއެވެ. ސިވިލް ކޯޓުގެ އިތުރު ގާޒީއެއްގެ މައްސަލަ އެ ކޯޓަށް ހުށަހެޅިފައިވާ ކަމަށް މީގެކުރިން އެ ކޮމިޝަނުން ބުނެފައެއް ނުވެއެވެ. ފަހީމްގެ އިތުރުން މިހާތަނަށް ޖޭއެސްސީން މައްސަލަ ބަލަން ނިންމި ފަނޑިޔާރުންނަކީ: އަބްދުﷲ ދީދީ - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން - ހައިކޯޓުގެ އިސް ފަނޑިޔާރު ހަސަން ނަޖީބު - ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހްމަދު ޝުކޫރު - ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު - ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ