ގައްދޫ ގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ގިނަ މައްސަލަތަކެއް!

ގދ. ގައްދޫގައި ކަރަންޓުގެ ގިނަ މައްސަލަތައް މިއަހަރު ތެރޭ ކުރިމަތިވެފައި ވާއިރު ރޭ ވެސް އެރަށުގެ ބައެއް ހިސާބުތަކަށް ވަނީ ކަރަންޓު ގޮސްފަ އެވެ.
އިއްޔެ އިރުއޮއްސުނު އިރު ރަށުގެ ވަކި ހިސާބަކުން ކަރަންޓު ކެނޑުނު އިރު އެ ތަންތަނަށް އަކުން ކަރަންޓު ލިބުނީ ރޭ ދަންވަރު 12:00 ހާއިރެވެ.
އެރަށު އިންޖީނުގެ އާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖަރު އިލްހާމު ސީއެންއެމް އަށް ވިދާޅުވީ ކަރަންޓު ގޮސްފައި ވަނީ މިހާރު ބޭނުންކުރާ 300 ގެ ޖަނަރޭޓަރު ސެޓާއި ފަހުން ގެނައި 400 ޖަނަރޭޓަރު ސެޓުގެ ތެރެއިން 300 ގައި ސެޓުގައި މައްސަލަ ޖެހުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ރަށުގައި 500 ކިލޯ ވޯޓުގެ ޖަނަރޭޓަރުތަކާއި 250 ކިލޯގެ ޖަނަރޭޓަރުތަކާއި 300 ކިލޯ ވޯޓުގެ ޖަނަރޭޓަރުތަކެއް މީގެ ކުރިން ހުންނަ ކަމަށެވެ. ނަމަވެސް އެ ތިން ސެޓަށް އެއްވެސް ސާވިސް އެއް ނުކުރާތާ ފަސް އަހަރުވެފައިވާ ކަމަށް އިލްހާމު ވިދާޅުވި އެވެ.
"ކަރަންޓަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ 500 ޖަނަރޭޓަރު ފެއިލްވެ، ބޭނުން ނުކުރެވޭ ވަރަށް ޝަޓް ޑައުން ވީ، އަދި މިދިޔަ މަސް ތެރޭގައި 400 ގައި އާ ޖަނަރޭޓަރު ސެޓެއް ގެނެސް އެ ޖަނަރޭޓަރު ސެޓު ހިންގަމުން ދަނީ. އަދި 250 ކިލޯ ޖަނަރޭޓަރު ސެޓު އެއްވެސް ގޮތަކަށް ބޭނުން ނުކުރެވޭނެ ކަމަށް ބަލާފަ އެސެޓު އެއްކޮށް ބޭރުކޮށްފަ، މިހާރު ބޭނުން ކުރަނީ ކުރިން ގެންގުޅުނު 300 ގެ ސެޓާއި ފަހުން ގެނައި 400 ސެޓު، އަދި 300 ގެ ސެޓު ގައި މައްސަލަ ޖެހުނީ،" އިލްހާމު ވިދާޅުވި އެވެ.
ގައްދޫގައި އިންޖީނުގެ ހުންނަނީ ރަށުގެ މެދުގައި ސިއްހީ މަރުކަޒު ކައިރިީގަ އެވެ. އޭގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތި ވާތީ ފެނަކައިން ގައްދޫގައި އާ އިންޖީނު ގެއެއް ރަށުގެ މީހުން ނޫޅޭ ހިސާބުގައި އެޅުމަށް ވަނީ ނިންމާފަ އެވެ.
އާ އިންޖީނުގެ އެޅުމުން ވަރަށް ގިނަ ކަންތައްތައް ހައްލުވެގެން ދާނެ ކަމަށާއި ދާއިމީކޮށް ކަރަންޓު ދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ފެނަކައިން ކުރަމުންދާ ކަމަށް އެ ރަށު އިންޖީނުގެ ހިންގެވުމާ ހަވާލުވެ ހުންނެވި އިލްހާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ