ރައީސް 12 މެމްބަރުންނަށް ވެވަޑައިގަތް ވައުދަކާ ޚިލާފުވެއްޖެ:މެމްބަރު ލަތީފް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތިލަދުންމަތީގެ ރަށްތަކައް އެމްޑިޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދެއްވުމަށް ކުރައްވާ ދަތުރުފުޅަކީ 12 މެމްބަރުންނަށް ވެވަޑައިގަތް ވައުދަކާ ޚިލާފުވުން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދު ސިފަކުރައްވައިފިއެވެ.
ކުރީގެ ސަރުކާރާއި ދެކޮޅަށް ނިކުމެ ވަޑައިގެން އޭރު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މަސައްކަތާއި ގުޅިވަޑައިގަތުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ލަތީފް ވިދާޅުވީ މަޖިލީހުގެ ގޮނޑި ގެއްލުނު ތިލަދުންމައްޗަށް ނިސްބަތްވާ ތިން މެމްބަރަކާ ދެކޮޅަށް ރައީސް ކެމްޕޭނަށް ނުކުމެވަޑައިގަތުމުން ވަރަށް ހިތްދަތި ވެއްޖެކަމުގައެވެ.
މީގެ އިތުރުން ލަތީފް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ރައީސް ކެމްޕޭން ކުރެއްވުމަކީ މައްސަލައެއްނޫންކަމަށެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިންނާއި ރިޔާސީ އިންތިހާބަށް ފަހުންވެސް ރައީސް ވަނީ އިންތިޚާބުގައި 12 މެމްބަރުންނާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރައްވަން ވައުދުވެވަޑައިގެންފައިކަމަށް ލަތީފް ވިދާޅުވިއެވެ. އެހެންކަމުން 12 މެމްބަރުންނާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރައްވަން ރައީސް ވައުދުވެވަޑައިގަތުމަށް ފަހު، ބަސްފުޅާ ޚިލާފުވެވަޑައިގަތް ކަން އަމަލުފުޅުން ސާބިތުވާކަމަށް ލަތީފްވަނީ ވިދާޅުވެފައެވެ.
އަންނަ މަހުގެ 06 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ގޮނޑި ގެއްލުނު މެމްބަރުންގެ ތެެރެއިން ދިއްދޫ ދާއިރާ އަށް ލަތީފު ވާދަކުރައްވާ އިރު ހަނިމާދޫ ދާއިރާ އަށް ޝަހުދީ އަދި އިހަވަންދޫ ދާއިރާ އަށް މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ ކުރިމަތިލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ