އަދީބަށް އިންސާފު ހޯދައި ދިނުމަށް ބައެއް ނޫސްވެރިން ގޮވާލައިފި

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، މިވަގުތު ގޭބަންދުގައި ހުރި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް އިންސާފު ހޯދައިދީ މިނިވަން ކުރުމަށް ރާއްޖޭގެ ބައެއް މީޑިއާތަކުގެ ނޫސްވެރިން ގޮވާލައިފިއެވެ.
ޓުވިޓާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކާއި، ޓީވީ ސްޓޭޝަންތަކަށް ނިސްބަތްވާ ނޫސްވެރިން ކޮށްފައިވާ ޓުވީޓްތަކުގައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާ އަލުން ރިވިއު ކުރުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް ކޮށްފައިވަނީ ބޭ އިންސާފު ޝަރީއަތެއް ކަމަށާއި، އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ޝަރީއަތް ހިނގައި ދިޔަ ގޮތް ރިވިއުކޮށް މިނިވަން ކޮށްފައި އަދީބު މިނިވަން ނުކުރުމުން ބައެއް ނޫސްވެރިން ވަނީ ސުވާލު އުފައްދާފައެވެ.
 
އަބަދުވެސް އިންސާފަށް ވަކާލާތު ކުރާ ބައެއް ކަމަށްވާ އިރު ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހަމަތުކުރެވޭ ހުރިހާ ކަމެއް އަދީބުގެ ބޮލަށް ޖަހައި، ނިންމާލުން އެއީ އިންސާފު ނޫން ކަމަށާއި ދައުލަތުން އަދީބަށް ރަނގަޅު ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސައިދީފައިނުވާ ކަމަށް މަޖިލިސްގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒު ކުރައްވަމުންނެވެ.
 
މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.
ބަންދުގައި ހުރެ އަދީބުގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން މީގެ ކުރިންވެސް އަދީބު ވަނީ ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ގޭ ބަންދަށް ވެސް އެކި ފަހަރު މަތިން ބަދަލު ކުރެވިފައެވެ.
އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލައެއް މުގުރާލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއް ކޮށްފައެވެ. އޭގެ ފަހުން އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު އަދީބު ގޭބަންދަށް ބަދަލުކުރީ ނޮވެމްބަރު 27 ގައެވެ. ގެއަށް ބަދަލުކުރިފަހުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީއަށް ސޮއިކުރައްވާ ޕާޓީގެ ކަންކަމުގައި އުޅުއްވިއެވެ.
އަދީބު ގޭބަންދުގައި ހުންނަވަނިކޮށް މިދިޔަ މަހުގެ ކުރީކޮޅު އަނބުރާ ޖަލަށް ގެންދިޔައީ ޑޮކްޓަރުގެ އިލްތިމާސްއާ ހިލާފަށް ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އޮޕަރޭޝަނަށް ފަހު އަދީބު ޖަލަށް ގެންގޮސް ފަރުވާއަށް އެކި ފަހަރު މަތިން ވަނީ މާލެ ގެނެސްފައެވެ.
އޭސީސީ ރިޕޯޓް ބުނާ ގޮތުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަން 1.4 ބިލިއަން ރުފިޔާއަށް އަރައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ