ރާއްޖެއަށް އެހެން ދީންތައް ގެނެސް، މިނިވަންކަން ވިއްކާލަން މަސައްކަތް ނުކުރުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.
މީގެ ދެ ދުވަހެއް ކުރިން ނަޝީދު ވަނީ ސަލަފިއްޔާއިން ކިޔަވާ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ސަލަފިއްޔާއިން ކިޔަވައިގެން އަންނަ މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ އިތުރުން ރާއްޖެ ފަސާދަ ކުރަން އުޅޭ ބައެއް ކަމަށެވެ.
އެފަދަ މޭރުމަކުން ނަޝީދު ވާހަކަ ދައްކަވާފައިވާ އިރު، މިއަދު ލ. ގަމު ދާއިރާގެ ޖޭޕީ އަދި ޕީއެންސީއާއި ޕީޕީއެމްގެ ކެނޑިޑޭޓް އާދަމް އާސިފްގެ ކެމްޕޭން ޖަލްސާގައި ގާސިމް ވަނީ ނަޝީދަށް ހޫނު ރައްދެއް ދީފައެވެ.
"އަޅުގަނޑުމެން އަހުދާއި ވަހުދަކަށް ހިޔާނާތެއް ނުވާނަން. އެގޮތަށް އަހުދާއި ވަހުދަށް ހިޔާނާތްތެރިވާ މީހުން ތިން ސިފައެއް ބަޔާންކޮށްފައިވާ ރަސޫލާގެ ހަދީޘްތައްވެސް ހުންނާނެ. އަޅުގަނޑު އެވާހަތައް ދައްކާކަށް ނެތިން. އިލްމުވެރިންނަށް އެނގިލައްވާނެ. އިސްލާމް ދީން ދެމެހެއްޓުމަށްޓަކައި، ސުލްހަ ދެމެހެއްޓުމަށްޓަކައި، އިލްމުވެރިންނަކީ މިވެނި މިވެނި ކަންތައްތަކެއް ކުރާ ބައެކޭ ކިޔާކަށް ނެތިން. ދަންނަ މީހަކާ ނުދަންނަ މީހެއް އެއްވަރެއް ނުވާނެ. ކިތައްމެ ވަރަކަށް ރުޅި އަޔަސް. މިގައުމުގައި 100 ޕަސެންޓް މުސްލިމް އޮތް ތަނެއްގައި މިގައުމުގެ ފަސާދަ ކުރަން އެހެން ދީންތަށް މިތަނަށް ގެނެސް، މިގައުމުގެ މިނިވަންކަން ވިއްކާލާ ކަންކަން ކުރަން ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ. މޮޔަވެގެން ނޫޅުއްވާށޭ އަޅުގަނޑު ދަންނަވާނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ކޮންމެ ފަހަރަކުން ކަންކަން ވާގޮތް އެނގޭނެ ކަމަށާއި، ހުރިހާ ބާރުތަކެއް ޖީބަށް ލާން އުޅުއްވަން ހަދައިގެން ގައުމުގެ މަސްލަހަތު ގެއްލިގެން ދަނީ ކަމަށެވެ. އަދި ނަޝީދަށް އަމާޒުކޮށް ގާސިމް ވިދާޅުވީ މަޖިލީހަށް އިސްލާމް ދީނާ ހިލާފު ވާހަތައް ޕޯޑިއަމްތަކުގައި ނުދައްކަވާނެ ކަމަށެވެ.
"އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަންކަމަށް ހިތްވަރު ދޭގޮތަށް ޕޯޑިއަމްތަކުގައި ވާހަކަ ދައްކާނެ ބައެއް ނޫން އަޅުގަނޑުމެންނަކީ. އަދި ރާއްޖެ އެހެން ބަޔަކަށް ވިއްކާލަން މަސައްކަތް ކުރާނެ ބައެއްވެސް ނޫން އަޅުގަނޑުމެންނަކީ. އަޅުގަނޑު މެންނަކީ އިސްލާމީ ވަހުދަތު ދަމަހައްޓާ ރާއްޖޭގައި އިސްލާމް ދީން ހިމާޔަތް ކުރަން ވަކާލާތު ކުރާނެ މީހުން. މިނިވަން ގެއްލިގެން ދާ ގޮތަށް ކަމެއް ނުކުރާނަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ނަޝީދަށް: އެހެން ދީންތައް ގެނެސް މިނިވަންކަން ވިއްކާލަން "މޮޔަވެގެން" ނޫޅުއްވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ