ރައްޔިތުންނަށާއި ގައުމަށް ފައިދާ ހުރި ކޮންމެ ކަމަކަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އަބަދުވެސް ތާއިދު ކުރާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ އިއްޔެ އޮތް މަޖިލިސް އިންތިޚާބުގައި ވެރިކަން ކުރާ އެމްޑީޕީން ހޯދި ކާމިޔާބާއި ގުޅިގެން ރައީސް ޞާލިހަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. މައުމޫން ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ނަތީޖާ އަކީ އިންތިޚާބީ ވައުދުތައް ފުއްދުމަށް ރައީސް ޞާލިހަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އެހީއެއް ކަމަށެވެ.
"އެމްއާރްއެމް އަބަދުވެސް އޮންނާނީ އަދި މަސައްކަތް ކުރާނީ ރައްޔިތުންނާއި ގައުމަށް ފައިދާ ހުރި ކަންތައްތަކަށް ތާއިދުކޮށްގެން." މައުމޫން ވިދާޅުވިއެވެ.
މައުމޫންގެ ތާއީދާއި އެކު މަޖިލިސް އިންތިޚާބުގައި 20 ބޭފުޅުން ވާދަކުރެއްވިއެވެ. ނަމަވެސް ކާމިޔާބު ލިބުނީ ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވި އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އަށް އެކަންޏެވެ. މައުމޫންގެ ތާއީދާއި އެކު މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމާއި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނަށް ވެސް އިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ. އޭގެ އިތުރުން އައިމިނަތު ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ފަދަ ސީނިއާ ބޭފުޅުންނަށް ވެސް އިންތިޚާބުގައި ކުރިމަތިވެ ވަޑައިގެންނެވީ ނާކާމިޔާބެވެ.
އިއްޔެ އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަނީ ސްޕަ މެޖޯރިޓީ އަށް ވުރެ ވެސް ގިނަ ގޮނޑި ކާމިޔާބު ކޮށްފައެވެ. މަޖިލީހުގެ ސްޕަ މެޖޯރިޓީ އަކީ 58 ގޮނޑިއެވެ. މިހާތަނަށް ސާފުވެފައިވާ ނަތީޖާތަކަށް ބަލާއިރު އެމްޑީޕީން 62 ގޮނޑި ކާމިޔާބު ކުރާނެއެވެ.
މަޖިލީހުގެ ސްޕަ މެޖޯރިޓީ އިން ނިންމައިގެން ޤާނޫނު އަސާސީއަށް ބަދަލު ގެނެސް، ފަނޑިޔާރުން މަގާމުން ދުރުކުރުން ފަދަ ކަންތައްތައް ވެސް ކުރެވޭނެއެވެ.
ގައުމަށް ފައިދާ ހުރި ކޮންމެ ކަމަކަށް ތާއިދު ކުރާނަން – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ