މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން އެންމެ ކުރީ ސަފުގައި ރާއްޖެ އޮންނާނެ: އަބްދުﷲ ޝާހިދު

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރުމަށް ރާއްޖެ އަބަދުވެސް އޮންނާނީ އެންމެ ކުރީގައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޖަރުމަނުވިލާތުގައި އޮތް މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފެރެންސްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށް ގައުމީ ފެންވަރުގައި ރާއްޖެ ހާސިލް ކުރަން ޖެހޭ ލަނޑުދަނޑިތަކަށް ވާސިލްވާނެ ކަމަށެވެ.
"މިއަހަރުގެ ފަހުކޮޅު ނިއު ޔޯކުގައި އޮންނަ ކްލައިމެޓް އެކްޝަން ސަމިޓުގައި ވެސް ރާއްޖެ އިން އަގުހުރި ހުށަހެޅުންތަކެއް ހުށަހަޅާނެ،" ޝާހިދު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެކުލަވާލި ޕެރިސް އެއްބަސްވުމުގެ ސަބަބުން ރާއްޖެ އަށް އުއްމީދު އާވި ކަމަށާއި، ދުނިޔެ ހޫނުވާ މިންވަރު 2 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ބޭއްވުމަށް ރާއްޖެ އިން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް މަޑުކޮށްގެން އިންތިޒާރުކޮށްގެން ތިބުމަކުން ނުފުދޭ. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް، ދަރިންގެ ދަރިން ދިރިއުޅޭނެ ރާއްޖެއެއް އޮންނާނެކަން ކަށަވަރު ކުރުމަށް މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް އަނބުރާލަން އެބަ ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކަނޑުގެ ލޮނުގަނޑުން އެންމެ މީޓަރެއް އުހުގައި އޮންނަ ރާއްޖެ އަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ސައިންސްވެރިން ލަފާ ކުރެ އެވެ. އެއީ ދުނިޔެ ހޫނުވެ، ގަނޑުފެންތައް ވިރުމުން، ލޮނުގަނޑު އުސްވެ، ރާއްޖޭގެ ރަށްތައް އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ