ދިވެހި ރުފިޔާ އެކައުންޓުން ރާއްޖެ އިން ބޭރުގައި ޑޮލަރުގެ މުއާމަލާތު ކުރެވޭނެ އަދަދު ލިމިޓު ކޮށްފި

ދިވެހި ރުފިޔާ އެކައުންޓުން ރާއްޖެ އިން ބޭރުގައި ޑޮލަރުގެ މުއާމަލާތު ކުރެވޭނެ މިންވަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދުން ފެށިގެން ލިމިޓު ކޮށްފި އެވެ.
މި ގެނައި ބަދަލާއެކު، ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް ހޭދަ ކުރެވޭނީ 250 ޑޮލަރެވެ. ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ހޭދަކުރެވޭނީ 750 ޑޮލަރެވެ.
ހޮސްޕިޓަލް، ކޮލެޖު އަދި ސްކޫލް ފީ ދެއްކުމަށް ދިވެހި ރުފިޔާ އެކައުންޓުން ޑޮލަރުން ފައިސާ ހޭދަ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކަސްޓަމަރުންނަށް ފަހިކޮށްދޭނެ ކަމަށް ވެސް ބީއެލުން ބުނެ އެވެ.
ދިވެހި ރުފިޔާ އެކައުންޓުން ރާއްޖެ އިން ބޭރުގައި މުއާމަލާތު ކުރެވޭނެ އަދަދުތަކަށް ބީއެމްއެލުން ބަދަލު ގެނައި ނަމަވެސް ޑޮލަރު އެކައުންޓުން މުއާމަލާތް ކުރުމުގައި އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
New limits on BML Debit and Credit cards for Foreign Transactions. Please view the below links for more details. Press release: https://t.co/YWTLmqix7aFAQs: https://t.co/L5hpbBzakE pic.twitter.com/KCvxbJ1Xgl— Bank of Maldives (@bankofmaldives) September 16, 2020
ޑޮލަރުގެ މުއާމަލާތު ކުރެވޭ މިންވަރު ލިމިޓު ކުރުމާ ގުޅޭ ގޮތުން ބީއެމްއެލް އިން ކުރި ޓުވީޓުބީއެމްއެލުން ބުނިގޮތުގައި، މި ބަދަލު ގެނައީ ރާއްޖެ އިން ބޭރުވާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމު ހޯދުމަށް ދައްކަންޖެހޭ ފައިސާ އަށް އިސްކަންދިނުމުގެ ފިޔަވަޅު އަޅަން މަޖުބޫރުވުމުންނެވެ. މި ފިޔަވަޅު އަޅަން ޖެހުނީ ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ދިމާވި ދަތިތަކާ ގުޅިގެން ރާއްޖެ އަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުންނެވެ.
ދާދި ފަހުން، މަރުކަޒީ ބޭންކު އެމްއެމްއޭ އިން ވަނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށާއި މުދާ ގެނައުމަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމަށް ނިންމައިފަ އެވެ. ނަމަވެސް ޑޮލަރުގެ ލިކިއުޑިޓީ ދެމެހެއްޓުމަށްޓަކައި އިތުރު ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ، މި ބަދަލު ގެނައި ނަމަވެސް އެ ބޭންކުގެ 95 ޕަސެންޓު ކަސްޓަމަރުންނަށް ދައްޗެއް ނުވާނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ، ޑޮލަރު ލިބެން ފެށުމުން މި ނިންމުން އަލުން ބަދަލު ކުރާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ