ލޮޓަސް ފިހާރައިން ރާއްޖޭގެ ހުރިހާ ސްކޫލް ދަރިވަރުންނަށް ސެނެޓައިޒަރ ހަދިޔާކުރަނީ

ރާޢްޖޭގެ މަޝްހޫރު އަމިއްލަ ވިޔަފާރިއެއް ކަމަށްވާ "ލޮޓަސް ފިހާރަ"އިން ރާއްޖޭގެ ހުރިހާ ސްކޫލް ދަރިވަރުންނަށް ސެނެޓައިޒަރ ހަދިޔާކުރަން ނިންމައިފިއެވެ.
ލޮޓަސް ފިހާރައިގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދިންގޮތުގައި، ރާޢްޖޭގެ ހުރިހާ ސްކޫލެއްގެ ކޮންމެ ދަރިވަރަކަށް އެއް ސެނެޓައިޒަރ ފުޅި ހަދިޔާކުރުމަށް އެ ފިހާރައިން ވަނީ ނިންމާފައެވެ. އެގޮތުން 100އެމްއެލްއާއި، 200އެމްއެލްގެ ސެނެޓައިޒަރފުޅި ބެހުމަށްވަނީ ހަމަޖެހިފައެވެ.
ލޮޓަސްފިހާރައިގެ ފަރާތުން ހަދިޔާކުރާ ސެނެޓައިޒަރ ފުޅިތައް ސްކޫލްތަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންގެނެވެ. އެގޮތުން މާލެ ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތަކަށް ދޭ ތަކެތި ހަވާލުކުރާނީ އެޑިއުކޭޝަން މިނިސްޓްރީއާއިއެވެ. އަދި ރަށްރަށަށް ތަކެތި ފޮނުވުމަށް ކައުންސިލްތަކާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށް އެ ފިހާރައިން ވަނީ ބުނެފައެވެ. އެގޮތުން ސީއެސްއާރް ޓީމްތަކާއި، ރަށްރަށު ކައުންސިލާއި ގުޅިގެން އެ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސަމުންދާކަމަށްވެސް އެ ފިހާރައިން ބުނެއެވެ.
ލޮޓަސް ފިހާރައިން ބުނެފައިވަނީ މިކަމަށް ބޭނުންވާ ސެނެޓައިޒަރފުޅިތަށް މިހާރު ރާއްޖެ ގެނެސްފައިވާކަމަށެވެ. އަދި އިންތިޒާމްތައް ހަމަޖެހެމުން އަންނަވަރަކަށް ތަކެތި ރަށްރަށަށް ފޮނުވަން ފަށާނެކަމަށެވެ.
މި މަސައްކަތުގެދަށުން 74000 ސެނެޓައިޒަރ ފުޅި ހަދިޔާކުރުމަށްވަނީ ހަމަޖެހިފައެވެ. ލޮޓަސް ފިހާރައިން ބުނެފައިވަނީ މި ކަމަކީ، މިހާރު ދިމާވެފައިވާ ކޯވިޑް-19ގެ މި ޙާލަތުގައިވެސް، ރައްކާތެރިކަމާއި ސާފުތާހިރުކަން އިތުރުކުރުމަށް ބާރުއެޅުމާއި އެކަމަށް އެހީވުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. އަދި މިއީ ޚާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ހޭލުންތެރިކޮށް، އެކަމުގައި ޙިއްސާވުންކަމަށެވެ.
ލޮޓަސް ފިހާރައިން ބުނެފައިވަނީ ރަށްރަށަށް ފޮނުވާ ސެނެޓައިޒަރ ފުޅިތައް ދަރިވަރުންނަށް ލިބުނުކަން، އެކަމުގައި މަސައްކަތްކުރާ ޓީމްތަކުން ކަށަވަރުކުރާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ