ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ހުންނެވިއިރު އިނގިރޭސި ވިލާތަށް ދިއުމުގެ ދައުވަތު އޭނާއަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭގެފާނާ ދީފައިވާކަމަށް ސިފައިންގެ އޮފިސަރަކު ހެކިބަސް ދީފިއެވެ.
ތޮލްހަތުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެއްވަމުން ސައިކޮލޮޖިސްޓް އާއިޝަތު ޒީނާ ވިދާޅުވީ ތޮލްހަތު އޭނާގެ ފޯނަށް އެސްއެމްއެސްކޮށް އަބްދުﷲ ގާޒީ އާއި އޭނާގެ އާއިލާ އިނގިރޭސިވިލާތަށް ދިޔުމުގެ ދައުވަތު ދިނުމަށް އެންގި ކަމަށެވެ.
އެކަން އަބްދުﷲ ގާޒީއަށް އެންގުމުން އޭނާ ވިދާޅުވީ ކީކޭތޯ ސުވާލުކުރުމުން ޒީނާ ވިދާޅުވީ އަބްދުﷲ ގާޒީ ވިދާޅުވީ ކީކޭކަން މިހާރު ހަނދާނެއް ނެތް ކަމަށެވެ.
ޒީނާ ވިދާޅުވީ އަބްދުﷲ ގާޒީ ގިރިފުށީގައި ހުރިއިރު އޭނާގެ ހާލު ބެލުމަށް ދެތިން ފަހަރަކު އޭނާއަށް ތޮލްހަތު ގުޅުއްވި ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން ތޮލްހަތު އަބްދުﷲ ގާޒީއާ ބައްދަލު ކުރެއްވި ކަމަށް ވެސް ޒީނާ ވިދާޅުވި އެވެ.
މިއަދު ދެވަނަ އަށް ހެކިބަސް ދެއްވާފައި ވަނީ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރު އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރެވެ.
ހެކިބަސްދެއްވަމުން ފަރުހަތު ވިދާޅުވީ ފުލުހުންނަށް ސިފައިން އެހީތެރިކަން ދިނުމާ ގުޅޭގޮތުން އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ކުރިން ތޮލްހަތު ސިފައިންނާ ބައްދަލު ކުރެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރާ ވާހަކަ އެ ބައްދަލުވުމުގައި ތޮލްހަތު ވިދާޅުވެފައިނުވާ ކަމަށާއި އެހެންނަމަވެސް ސިފައިން ބައެއް މީހުން ހައްޔަރު ކުރަން ޖެހިދާނެ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށެވެ.
ހެކިބަސް ނަގައި ނިމުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް އަތީފްގެ އިތުރުން ކާނަލް ވައިސް ވަހީދު ގެ ހެކިބަސް ނުނެގި އަށް މައްސަލައެއް ނެތް ކަމަށެވެ. އެހެންނަމަވެސް ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ސިފައިންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އަހްމަދު ނިލާމް އާއި އަހްމަދު ރަޝީދު ކޮންމެހެން ވެސް ހާޒިރު ކުރަން ބޭނުންވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި އެ ދެ މީހުން ހާޒިރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދައުލަތުން ކުރަމުން އަންނަ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީއަށް އާއިލާއާ އެކު އިނގިރޭސިވިލާތަށް ދިޔުމުގެ ދައުވަތު ތޮލްހަތު ދިން: ހެކި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ