ސަރުކާރަށް ފެނިއްޖެ، އަޑުއިވިއްޖެ: މިނިސްޓަރު އުމަރު

މި ސަރުކާރަކީ އިޖާބަދޭ ސަރުކާރެއް ކަމަށާއި ސަރުކާރަށް ފެނިއްޖެ ކަމަށާއި އަޑު އިވިއްޖެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދާދި ދެންމެ އުމަރު ކުރެއްވި ޓްވީޓެއްގައި އުމަރު އެހެން ވިދާޅުވެފައި ވަނީ އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ކުރަމުންދާ މުޒާހަރާއަށް ނިސްބަތް ކުރައްވަ އެވެ. ދިޓީވީގައި ވާހަކަފުޅު ދައްކަވަމުން ރޭ އުމަރު ވިދާޅުވެފައި ވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް މަދު ބަޔަކު އެއްވިޔަސް ސަރުކާރުން އެ މީހުންގެ އަޑު އަހާނެ ކަމަށެވެ. އަދި މިއަދުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ އިވިއްޖެ ކަމަށެވެ.
"...މިއީ އިޖާބަ ދޭ ސަރުކާރެއް، އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ފެނިއްޖެ، އަދި އަޑު އަހައިފިން،" އުމަރުގެ ޓްވީޓްގައި ވެއެވެ.
މުޒާހަރާގައި ޖޭޕީގެ ލީޑަރު ގާސިމް އިބުރާހީމް ވަނީ ސަރުކާރަށް ޑިމާންޑްތަކެއް ކުރައްވާފަ އެވެ.
މުޒާހަރާގެ ބައިވެރިންނާ މުހާތަބުކުރައްވައި ފޯނުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ފުރަތަމަ ކަމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ރަނގަޅު ގޮތުގައި ހިނގައި ދިއުން ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ވިދާޅުވީ ގާނޫނު އަސާސީއާއާ އެއްގޮތަށް ކުރެވޭ ކަންތައްތަކުގައި ވެސް އަސާސީ ހައްގުތަކާއި މިނިވަންކަން ހަނި ނުކުރުމަކީ ވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"...ގާނޫނު އަސާސީގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ލިބިފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން އަދި ދައުލަތް ހިންގުމުގެ ބާރާއި އަދި އެނޫން ވެސް އެހެން މާއްދާތައް، ކުރުކޮށް ދަންނަވާ ނަމަ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރަނގަޅަށް ހިނގައި ދިއުން،" ގާސިމް ވިދާޅުވި އެވެ.
ހަތިޔާރު ގެންގުޅުއްވިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ޓެރަރިޒަމްގެ ދައުވާ އުފުލައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރުން މިހާރަށް މިނިވަން ކުރުމަށް ވެސް ގާސިމް ގޮވާލެއްވި އެވެ. އަދި އެބޭފުޅުންނާ މެދު އުފުލާފައިވާ ދައުވާތަކާ މެދު އެހެން ގޮތެއް ނިންމެވުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
އަދި ވިދާޅުވީ އެބޭފުޅުންނާ މެދު ޝަރީއަތް ހިނގައި ދިއުމަކުން ގައުމަށް ވާނެ އެއްވެސް ރަނގަޅެއް ނެތް ކަމަށެވެ.
މުޒާހަރާގެ ބައިވެރިންނާ ފޯނުން ވާހަކަ ދެއްކެވި އިރު ގާސިމް ވަޑައިގެން ހުންނެވީ ސްރީލަންކާގަ އެވެ. ގާސިމް ގައުމުން ބޭރުގައި ހުންނެވީ ވަރަށް މުހިއްމު ބައްދަލުވުން ތަކަކަށް ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ