ކޯލިޝަންގެ ޓިކެޓުގައި ވާދަކުރައްވާ އެއްވެސް ބޭފުޅަކާ ދެކޮޅަށް ކޯލިޝަންގެ އެއްވެސް މެމްބަރަކު އަމިއްލަގޮތުން ވާދަކުރަން ނޭދޭ ކަމަށާއި އެކަން ކޮށްފިއްޔާ ކާމިޔާބުވާނީ އިދިކޮޅު އެމްޑީޕީއަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މަޖިލިސް އިންތިހާބަށް ޕްރޮގްރެސިވް ކޯލީޝަންގެ ފަރާތުން ނެރޭ ކެނޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ މިހާރު ޓިކެޓް ލިބިފައިވާ ބޭފުޅުންނަކީ އެ ދާއިރާއަކުން ނެރެވޭނެ އެންމެ މޮޅު އެންމެ ގާބިލް ކެންޑިޑޭޓުން ކަމަށާއި އެހެންކަމުން ރައްޔިތުންގެ ތާއީދު ލިބޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަނުން ރައްޔިތުންނަށް ދައްކާ ފިކުރަކީ ރައްޔިތުންނަށް ގަބޫލް ކުރެވޭ ފިކުރެއްކަން ހާމަވެގެންދަނީ މިދިޔަ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައްޔިތުން ކޯލިޝަން ދީފައިވާ ތާއީދުން ކަމަށެވެ. އެ ފިކުރަކީ އިސްލާމްދީނާއި އެއް އަގީދާއެއްގެ މަތީ ދެމިތިބުމާއި މިނިވަންކަމާއި ތަރައްގީއާއި އަސާސީ ހިދުމްތައް ފޯރުކޮށްދިނުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަބަދުވެސް މަސައްކަތްކުރަންވާނީ އެންމެން ގުޅިގެން، އެކަކު ވެސް ވަކިން މަސައްކަތް ނުކުރައްވާ، މި ކޯލިޝަންގެ ޓިކެޓްގައި ވާދަކުރައްވާ އެއްވެސް ބޭފުޅަކާ ދެކޮޅަށް މި ކޯލިޝަންގެ އެއްވެސް މެމްބަރަކު އަމިއްލަ ގޮތުން ވެސް ވާދަ ނުކުރެއްވުމަށް އެދެން، އެ ގޮތަށް ވާދަކޮށްފިއްޔާ ކޯލިޝަންގެ ވޯޓުތައް ބައިބައިވެގެން ގޮސް ކާމިޔާބު ލިބޭނީ އެމްޑީޕީ އަށް" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުރިން ވެސް ގުޅިގެން ވާދަކުރި އިންތިހާބުތައް ވަނީ ކާމިޔާބު ވެފައި ކަމަށާއި ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވެސް ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދުނު ކަމަށެވެ. އަދި މަޖިލީހުގެ އިންތިހާބުގައި ވެސް ގުޅިގެން މަސައްކަތްކޮށްފިނަމަ ކާމިޔާބު ވާނެ ކަމަށާއި ކާމިޔާބީއަކީ ބުރަ މަސައްކަތް ކޮށްގެން ނޫނީ ލިބޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ކޯލިޝަންގެ އެންމެ މުހިއްމު ކަމަކީ ގުޅިގެން މަސައްކަތްކުރުން ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި ކޯލީޝަނުގައި ހިމެނޭ ތިން ޕާޓީ ވެސް މަސައްކަތްކުރަނީ އެއް ޕާޓީއެއްގެ ގޮތުގައި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ކޯލީޝަނުގެ ކެންޑިޑޭޓުންނަށް ދެރައެއް ލިބޭގޮތަށް ކަންކަން ނުކުރުމަށް މައުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ