"ލ. އަތޮޅުގައި އެއާޕޯޓު އަޅަން އެންމެ ރަނގަޅު ތަނަކީ އިސްދޫ؛ އެއީ ޓޫރިޒަމަށް ވެސް ރީތި ސަރަހައްދެއް"
އިސްދޫ ކަލައިދޫގައި ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު ތަރައްގީކުރަން ނިންމީ އެ ސަރަހައްދަކީ ޓޫރިޒަމް ފައްކާކުރުމަށް ވަރަށް ރީތި ސަރަހައްދަކަށް ވާތީ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އެފަދައިން ވިދާޅުވީ އިސްދޫ ކަލައިދޫގައި އެއާޕޯޓު އެޅުމަށް އެއްވެސް ފައިނޭންޝަލް ފީސިބިލިޓީ ކަރުދާހެއް ނުވަތަ ދިރާސާއެއް ކުރެވި، ތައްޔާރުކުރެވިފައި ވޭތޯ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ލާމު އަތޮޅަށް ދެވަަނަ އެއާޕޯޓެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވުމުން އެކަމަށް ބޭނުންވީ އެންމެ ދެ ރަށަކުން ކަމަށާއި އެއީ ލ. މާވަށާއި އިސްދޫ ކަލައިދޫ ކަމަށެވެ. އެގޮތުން ސަރުކާރުން ދެވަނަ އެއާޕޯޓެއް ތަރައްގީކުރާއިރު ބަލަން ޖެހޭނީ އެތަނުގައި އޮންނަ އާބާދީއާއި އެތަނެއްގެ އިގްތިސާދީ ކުރިއެރުމަށާއި އެތަނެއްގައި ޓޫރިޒަމް ތަރައްގީކުރުމަށް ހުރި ފުރުސަތުތައް ފަދަ ކަންތައްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެކަންތައްތަކަށް ބަލާއިރު، ރާއްޖޭގައި އޮތް ހަތަރުވަނައަށް އެންމެ ބޮޑު ރަށަކީ ލ. އިސްދޫ ކަމަށެވެ. އެހެންކަމުން ބޮޑު ރަށެއްގައި، ބޮޑެތި އިގްތިސާދީ ކަންތައްތައް ކުރުމުގެ ފުރުސަތުތައް އޮންނާނެތީ އެތަނުގައި އެއާޕޯޓެއް ތަރައްގީކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ. ޓޫރިޒަމްގެ ގޮތުން ބަލާއިރު ވެސް އަޅުގަނޑަށް ހީވަނީ އިއްޒަތްތެރި މެންބަރު [މުހައްމަދު އިބްރާހީމް] ކުޑޫއަށް ވެސް އެނގިވަޑައިގަންނަވާނެ ވަރަށް ރީތި ސަރަހައްދެއް އެއީ. ޓޫރިޒަމް ގެންދާކަމުގައިވާ ނަމަ. އެހެންވީމަ އެގޮތުން ސަރުކާރުން އެ ހުރިހާ ކަމަކަށް ބަލާފަ ނިންމެވީ، ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާކަމުގައިވާ ނަމަ އެ އެއާޕޯޓު އެޅުމަށް އެންމެ ރަނގަޅު ތަނަކީ އިސްދޫ ކަލައިދޫކަން، އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއަތަލިބް ފާހަގަކޮށްލެވޭ ގޮތުގައި ލ. އަތޮޅުގައި ދެވަަނަ އެއާޕޯޓެއް އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމީ މީގެ ތިން ވަރަކަށް ހަފްތާ ކުރިން ނިމުނު މަހުގެ 25 ވަނަ ދުވަހުގައެވެ. https://sun.mv/223858 މިނިސްޓްރީއިން އޭރު ބުނީ އިސްދޫ ކަލައިދުއަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށްތަކުގެ ތެރެއިން އެއް ރަށް ކަމަށް ވާއިރު، އެ ރަށަކީ އާބާދީ އެއްފަސްކުރުމާއި ތަރައްގީގެ ފުރުސަތުތައް ފުޅާ ދާއިރާއެއްގައި އޮތް ރަށެއް ކަމަށެވެ. އެއާޕޯޓާއެކު އިސްދޫ ކަލައިދޫގެ އިތުރުން ދަނބިދޫ އަދި މާބައިދޫގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި އެ ސަރަހައްދުގެ ރައްޔިތުން ކައްދޫ އެއާޕޯޓަށް ދިއުމަށް ކުރަންޖެހޭ 45 މިނެޓުގެ ދިގު ދަތުރު މި މަޝްރޫއާއެކު ކުރުވެގެންދާނެކަމަށް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ. އެއާއެކު އެ އަތޮޅުން ލ. މާވަށު ރައްޔިތުން ވަނީ އެއާޕޯޓު އެ ރަށުގައި ނާޅާ އިސްދޫގައި އަޅާ މައްސަލައިގައި އިހުތިޖާޖު ވެސް ކޮށްފައެވެ. މާވަށު ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މާވަށު ޕީއެންސީ ގުރޫޕުގެ ފަރާތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސަށް ޕެޓިޝަނެއް ހުށަހެޅުމަށް ވެސް ނިންމިއެވެ. https://sun.mv/223962 އެ ޕެޓިޝަނުގައި ވަނީ ލ. އަތޮޅުގައި ވަކިން އޮންނަ މާވަށަކީ ތާރީޚީ ގޮތުންނާއި ޖިއޯގްރަފީ ގޮތުން ދަތުރުފަތުރާއި އަސާސީ ޚިދުމަތްތައް ހޯދުމުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ރަށެއް ކަމަށް ބުނެފައެވެ. އަދި އެ ރަށުގެ ރައްޔިތުން ބާކީވެފައި ތިބި ތިބުން ނިމުމަކަށް ގެނެސްދޭނެ ހަމައެކަނި ވެރިއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް ވަނީ ބުނެފައެވެ. އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މާވަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ