މިނިސްޓަރު އެދިވަޑައިގަތީ ހައުސިންއާ ގުޅޭ ސްކޭމްތަކުގައި ނުޖެހުމަށް

ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނެގި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، އެފަދަ ސްކޭމްތަކުގައި ނުޖެހެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެދިވަޑައިގެންފި އެވެ.
ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔާސީން މަގާމުން ވަކިކޮށް އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. 
ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފައިސާ ދީގެން ނުވަތަ މީހަކަށް ގުޅައިގެން ފްލެޓާއި ގޯތި ހޯދުމުގެ ފުރުސަތު މި ސަރުކާރުގައި ނޯންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. 
"ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިހާރު ވެސް ސްކޭމްތައް ހިނގަމުންދާ ވާހަކަ، ސަރުކާރުގަ ވެސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުގެ ނިވާފަތްގަނޑު ބޭނުންކޮށްގެން ރައްޔިތުން އަތުން ފައިސާ ހޯދަމުން ދިޔައީ... ކޮންމެވެސް ހަބަރަކުން އަޅުގަނޑު ދެކުނިން ގާޒީން ވެސް އޭގައި ޖެހިފައިވާ ވާހަކަ،" މިނިސްޓަރު ވިދާޅުވި އެވެ. 
"އާދޭހާ އެކު ދަންނަވަން އެއްވެސް މީހަކު ފައިސާ ދީގެން ފްލެޓާއި ގޯތި ދޭނެ ކަމަށް ހުށެހެޅިޔަސް އޭގައި ޖެހިވަޑައިނުގަންނަވާށޭ. ނުލިބޭނެއޭ،" މިނިސްޓަރު ވިދާޅުވި އެވެ. 
The most trusted news source in the Maldives
މިނިސްޓަރު ވިދާޅުވީ ފްލެޓާއި ގޯތި ހޯދުމުގެ ކަންކަން ކުރިއަށް ދާނީ އެ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި އެހެންވެ، ސްކޭމްތަކުގައި ނުޖެހެން އިލްތިމާސް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސްކޭމްތަކުން އެ ކަންކަން ހަމަޖެހޭނަމަ، އުސޫލެއްގެ ދަށުން ފުރުސަތު ހުޅުވާލައިގެން ކަންކަން ކުރިއަށް ގެންދިޔުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ