ތާލިބާނުންނަށް ލިބުނީ ބޮޑު ކާމިޔާބީއެއް: މުއްލާ އުމަރު

މީގެ ފަސް އަހަރު ކުރިން އަފްޣާނިސްތާނުގައި ތާލިބާނުން ވަގަށް ނެގި އެމެރިކާ ސިފައިންގެ މީހެއްގެ ބަދަކުގައި ގުއަންޓާނާމޯ ބޭ ޖަލުން ތާލިބާނުންގެ ފަސް މީހަކު މިނިވަން ކުރެވުމަކީ ތާލިބާނުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ ޖަމާއަތުގެ ލީޑަރު މުއްލާ އުމަރު ބުނެފި އެވެ.
"އަފްޣާނިސްތާނާއި، މިނިވަންވި މުޖާހިދުންނާއި އެ މީހުންގެ އާއިލާތަކަށް މަރުހަބާ ކިޔަން. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" މުއްލާ އުމަރު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މުއްލާ އުމަރު ވަނީ އަސީރުން މިނިވަން ކުރުމުގައި ގަތަރު ސަރުކާރުން އަދާކުރި ދައުރު ދައުރަށްޓަކައި އެ ގައުމުގެ ވެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ.
މުއްލާ އުމަރަކީ 1996 އިން 2001 އަށް ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރި އިރު ތާލިބާން ޖަމާއަތުގެ ވެރިޔާ އެވެ. އަދި 2001 ވަނަ އަހަރު ތާލިބާނުންގެ ވެރިކަން ވައްޓާލުމާ އެކު އޭނާ ވެފައި ވަނީ އަފްޣާނިސްތާނުގައި ތާލިބާނުން ކުރާ ހަނގުރާމައިގެ މޭސްތިރިއަށެވެ.
ތާލިބާނުން ބުނެފައި ވަނީ މިނިވަންކުރި ފަސް މީހުންނަކީ ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރި އިރު އިސްކޮށް މަސައްކަތްކުރެއްވި އޮފިޝަލުން ކަމަށެވެ.
ގުއަންޓާނާމޯ ބޭ އިން މިނިވަންކުރި ފަސް މީހުން ހަވާލުކުރާނީ ގަތަރު ސަރުކާރާ އެވެ. އަދި އެ މީހުން މިނިވަން ކުރާނީ ގަތަރު ސަރުކާރުގެ ބެލުމުގެ ދަށުގައި އެއް އަހަރު ދުވަހު ތިބުމަށް ފަހުގައި ކަމަށް ވެސް އެމެރިކާގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ