ފެންފޯއް ރުއްތައް ބަޔަކު ނެގީ ހޯމް މިނިސްޓްރީން އަންގައިގެން: އުމަރު

ސިޔާސަތު ކަނޑައަޅާ ފަރާތަކީ ސަރުކާރު ކަމަށްވާތީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ހޯމް މިނިސްޓްރީން އަޅާނެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ ކައުންސިލުން އިއްޔެ މާލޭގައި ފެންފޯއް ރުއް އިންދަމުން ދިޔައިރު ބަޔަކު އެ ފެންފޯއް ރުއްތައް ނަގަމުންދިޔަ ވަގުތު ފުލުހުން އެތަނުގައި ހަރަކާތްތެރިވެފައިވާތީ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ލާމަރުކަޒީ ގާނޫނު އޮތް ގޮތުން ސިޔާސަތު ކަނޑައަޅާ ފަރާތަކީ ސަރުކާރުން ކަމަށާއި އެހެންކަމުން މާލެ ފެހިކޮށް މާލޭގައި ގަސް އިންދަން ވާނީ ހައުސިން މިނިސްޓްރީން ހުއްދަ ނަގައިގެން ކަމަށް އެމިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީގެ އެ އެންގުމަށް ގޮންޖަހާ މަސައްކަތް ކުރީ އެމީހުންނަކީ މާވަރުގަދަ ބައެއްކަން ދެއްްކުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީގެ އެންގުމާ ދެކޮޅަށް ފެންފޯއް ރުއް އިންދަން އިއްޔެ މަސައްކަތް ފެށުމާއި ގުޅިގެން ހައުސިން މިނިސްޓަރު އެމަނިކުފާނު އަރިހުގައި އެކަން ހުއްޓަވައިދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ. ދައުލަތުގެ ކޮންމެ މުއައްސަސާއަކުންވެސް ކަމެއް ތަންފީޒުކުރަން ބޭނުންވާ ހާލަތުގައި އެކަން ނުވެއްޖެނަމަ ހޯމް މިނިސްޓްރީގައި އެކަމުގައި އެހީތެރިކަމަށް އެދޭނެ ކަމަށާއި އެހިސާބުން އެ މިނިސްޓްރީން އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަަމަށްވެސް ވިދާޅުވި އެވެ. އަދި އިއްޔެ ހޯމް މިނިސްޓްރީން ތަންފީޒުކުރަމުން ދިޔައީ ހައުސިން މިނިސްޓްރީން އެދުނު ކަމެއް ކަަމަށްވެސް އުމަރު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ގާނޫނުގައި އޮންނަ ގޮތުން ކޮންމެ ކަމެއްގައިވެސް ސިޔާސަތު ކަނޑައަޅާނީ ސަރުކާރުން އެހެންކަމުން ސަރުކާރުން މިއޮތީ ސިޔާސަތު ކަނޑައަޅާފައި. ސިޔާސަތު ކަނޑައަޅާފައި އޮތްވާ ސިޔާސަތަށް ގޮންޖަހައި އެއާ ދެކޮޅު ހަދައި އެއަށް ރިބެލްކޮށް ތިމަންނަމެން މީ މާ ވަރުގަދަ ބައެއްކަން ދެއްކުމަށްޓަކައި އަމިއްލަ އަށް ކޮންމެވެސް ތާކުން ރުށްތަކެއް ގެނެސްގެން ޖަހަން މަސައްކަތް ކުރީ،" އުމަރު ވިދާޅުވި އެވެ.
މިިނިސްޓަރު ވިދާޅުވީ ސިޓީ ކައުންސިލުން އިއްޔެ އިންދި ރުއްތައް ނެގުމުގެ ކުރިން ހައުސިން މިނިސްޓްރީން އަންގާ ގޮތަށް އަމަލުކުރަން ހުދު އެމަނިކުފާނު ވެސް މާލޭގެ މޭޔަރަށް ދެންނެވި ކަމަށެވެ. ހޯމް މިނިސްޓްރީން އިއްޔެ އަމަލުކުރިގޮތުން ސިޓީ ކައުންސިލަށް ލިބެންވީ މެސެޖަކީ ސިޔާސަތު ކަނޑައަޅާ ފަރާތަކީ ސަރުކާރު ކަމަށްވާތީ ސަރުކާރުގެ ސިޔާސަތުތައް ހިފަހައްޓާ ތަންފީޒް ކުރުމަށްޓަކައި ހޯމް މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމުގެ މެސެޖު ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
ފެންފޯއް ރުއް އިންދީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ތެރެއިން ކަމަށް ސިޓީ ކައުންސިލުން އިއްޔެ ވަނީ ބުނެފަ އެވެ. އަދި ފެންފޯއް ރުއްތައް ނެގި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ