ގާސިމް ސަލާމުގައި ހުންނަވާތާ އަހަރެއް

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަޖިލީހަށް ވަޑައިނުގެން ސަލާމުގައި އުޅުއްވާތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ވަޑައިނުގެން ތިއްބަވާތާ އެންމެ ގިނަ ދުވަސްވެފައިވާ ތިން މެމްބަރެއްގެ ނަން ނަޝީދު ވިދާޅުވި އެވެ. އެއީ ގާސިމްގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދެވެ. ނަޝީދު ވިދާޅުވިގޮތުގައި ހުސައިން ވަހީދު އުޅުއްވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމުގަ އެވެ. ސިޔާމް މަޖިލީހަށް ވަޑައިނުގެން ހުންނަވާތާ ވީ ކިހާ ދުވަހެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
"މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، މިދިޔަ އަަހަރު އެކީގައި ހެން ސަލާމުގައި ހުންނެވީ. އަދިވެސް ސަލާމުގައި ހުންނެވީ،" ނަޝީދު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަން އައުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރި ދުވަސްވަރު އަމިއްލަ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑަށް ވަޑައިގެންނެވި ފަހުން ގާސިމް މިހާތަނަށް ވެސް އެނބުރި މާލެއަކަށް ވަޑައެއް ނުގަންނަވަ އެވެ. ގާސިމްގެ ހަގު އަނބިކަނބަލުންނާ ކައިވެނިބައްލަވައިގަތީ ވެސް އުފަން ރަށް މާމިގިއްޔާ އެއްފަޅެއްގައި އޮންނަ ސަން އައިލެންޑްގައި ހުންނަވައިގެންނެވެ.
ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އޮތްކަަން އެނގިގެން މާލެ ސަރަހައްދު ލޮކްޑައުންކުރީ މިދިޔަ އަހަރުގެ އޭޕްރިލްމަހު އެވެ. ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން މަޖިލީހުގެ ޖަލްސާތައް އޭރު ވެސް ކުރިއަށް ގެންދިޔަ އެވެ.
އެކަމަކު މީގެ މަހެއްހާ ދުވަސްކުރިން ސުޕްރީމް ކޯޓުގައި ބޭއްވި ވިލާ އެއާގެ ޝަރީއަތެއްގައި ވީޑިއޯ މެދުވެރިކޮށް ގާސިމް ބައިވެރިވެ ވަޑައިގަތެވެ. އެ ދުވަހު ވަރަށް ގިނަ ވާހަކަތައް ވެސް އޭނާ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ