ޑަބްލިއު.އެޗް.އޯ.ގެ އައު މަންދޫބު، ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯ.އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު މަންދޫބު، ޑރ. ނާޒްނީން އަންވަރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާއި ބައްދަލުކުރައްވައިފިއެވެ.މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އޮތް ބައްދަލުވުމުގައި ޑރ.ނާޒްނީންވަނީ އެކަމަނާގެ ލެޓަރ އޮފް އެޕޮއިންޓްމަންޓް މިނިސްޓަރ ޝާހިދަށް އަރުވާފައެވެ.މިބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދާއި ޑރ.ނާޒްނީންވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ޑަބްލިއު.އެޗް.އޯ.ގެ ދައުރާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާއި ޑަބްލިއު.އެޗް.އޯ.ގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ކޯވިޑް-19ގެ ސަބަބުން ދިމާވި އެތަކެއް ދަތިތަކާއި، ބަލިމަޑުކަމުން އަރައިގަތުމަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީގޮތުން އަޅަމުންގެންދާ ފިޔަވަޅުތަކާބެހޭގޮތުންވެސް މިނިސްޓަރ ޝާހިދުއާއި ޑރ.ނާޒްނީން މަޝްވަރާކުރެއްވިއެވެ.ކޯވިޑް-19ގެ ޙާލަތު ދިމާވުމާ ގުޅިގެން ޑަބްލިއު.އެޗް.އޯ.އިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ދެއްވި އެހީއަށްޓަކައި މިނިސްޓަރ ޝާހިދުވަނީ ޑަބްލިއު.އެޗް.އޯ.އަށް ޝުކުރު އަދާކުރައްވާއެވެ. އަދި މިވަގުތުއޮތް ސިއްހީ ޙާލަތުން އަރައިގަތުމަށާއި ބަލިމަޑުކަމުގެ ސަބަބުން ދިމާވާނެ އިޖުތިމާޢީ، އިޤްތިސާދީ ހީނަރުކަން ކުޑަކުރުމަށް ޑަބްލިއު.އެޗް.އޯ.އިން އަދާކުރާ ދައުރު މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ. ޑަބްލިއުއެޗްއޯއިން ވަނީ 1965 އިން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީ އާއި ކުރިއެރުމުގައި ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ