ކޮވިޑް19: ސްކޫލް ޗުއްޓީއަށް ރަށަށް ދިޔުން މަނާކޮށްފި
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، މާލެއިން ރަށްރަށަށް ދިއުމަށް އޮންނަ އުސޫލު، ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އެޗްޕީއޭ އިން ހަރުކަށިކޮށްފި އެވެ.ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން ރަށްރަށަށް ދިއުން މަނާކޮށް، ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ރޭ އިއުލާނުކުރި އިރު މި މަހު 27 ގައި ބޮޑު ޗުއްޓީ ފެށޭނެ އެވެ. އަދި އަލުން ހުޅުވޭނީ އަންނަ އޯގަސްޓް މަހުގެ 10 ގަ އެވެ.އެޗްޕީއޭ އިން ބުނީ މާލެއާއި އަތޮޅުތެރޭގައި ކޯވިޑް-19 ފެތުރުން އިތުރުވެގެން ދިއުމާއި ގުޅިގެން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމުގައި އަމަލު ކުރާ އުސޫލުގެ ދަށުން ދެން ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަަށެވެ.މިގޮތުން އަތޮޅުތެރެއަށް ދަތުރުކުރެވޭނެ ޒަރޫރީ ހާލަތްތަކަކީ:– ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހުން.– މާލޭގައި އަދާކުރަމުންދާ ވަޒީފާ/ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވުން އަދި އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުން.– މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުން.– މާލެއަށް ތައުލީމު ޙާޞިލުކުރުމަށް އައިސް ތައުލީމު ޙާޞިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރިދާން ޖެހިފައިވުން (މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން ނުހިމެނެއެވެ.)– މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށްދާންޖެހުންއެޗްޕީއޭ އިން ބުނީ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ މީހުން ދަތުރު ކުރުމަށް އެދި މާދަމާއިން ފެށިގެން ހުށައަޅާނީ "ހާލުބެލުން ޕޯޓަލް" މެދުވެރިކޮށް ކަމަށާ މި ގޮތަށް އެދި ހުށައަޅާއިރު އެ މީހަކު ދަތުރުކުރާ ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ ދަތުރުކުރާނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލު ބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންވާނެ ކަމަށެވެ.ޒަރޫރީ ޙާލަތްތައް ދިމާވެގެން ދަތުރުކުރާ މީހުން މިހާރުވެސް ކަނޑައަޅާފައިވާ ގޮތުގެ މަތިން 14 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށާއި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސްފަހުން ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ