ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލި އިކޮނޮމިކް ސަޕޯޓް ޕްރޮގްރާމް އޮތީ ދެފުށް ފެންނަ ގޮތަކަށް ނޫން: ސައީދު

ކޮވިޑް-19 އާއި ގުޅިގެން ހީނަރުވެފައިވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އެކުލަވާލާފައިވާ އިކޮނޮމިކް ސަޕޯޓު ޕްރޮގްރާމް އޮތީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޗެނަލް 13ގެ "ނުހައްގުން ޖަލުގައި" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސައީދު ވަނީ ސަރުކާރުގެ އިކޮނޮމިކް ސަޕޯޓް ޕްރޮގްރާމްގައި އޮޅުން ނުފިލާ ގިނަ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރައްވާފައެވެ. އަދި އެ ޕްރޮގްރާމުން ރައްޔިތުންނަށް ކުރާނެ އަސަރު ސާފު ނުވާތީ އެކަމާއި މެދު ވެސް ސައީދު ވަނީ ސުވާލު އުފައްދަވާފައެވެ.
"ސަރުކާރުގެ އިކޮނޮމިކް ޕްރޮގްރާމްގެ ދެ ފުށް ނުފެންނަ ތާނގައި އޭގެއިން އާއްމު ރައްޔިތުންނަށް ކުރާނެ މަންފާއެއް ސީދާ އެނގޭކަށް ނެތޭ. މި އުޅެނީ ދިވެހިރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓިގެން. އަދި މި ބަލީގެ ނުރައްކަލާއި އެކު އަޅުގަނޑުމެން މިރޭ ނުވަތަ މާދަމާ، އަޑުއިވިގެން މިދިޔައީ މުޅި ގައުމުގެ ބޯޑަރު އެއްކޮށް ކްލޯޒްކޮށްލާ ވާހަކަ. ރާއްޖޭގައި 50 އެތައް ރިސޯޓެއް ބަންދުކޮށްފައި މިހިރީ." އޭނާ ވިދާޅުވިއވެެ.
ސައީދު ވަނީ ރާއްޖެއަށް ކުރިއަށް އޮތް ފަސް މަހަށް ބޭނުންވާ ވަރަށް ކާޑާއި ބޭހުގެ ބާވަތްތައް ލިބޭނެ މަގު ހޯއްދަވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެކަން ކަށަވަރުވެފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. ގެސްޓް ހައުސް އާއި ސަފާރީ އާއި ރިސޯޓްތައް ބަންދުކޮށް، ވިޔަފާރިތައް ބަނގުރޫޓުވެގެން ދާއިރު، އެއިން ކޮންމެ ކަމެއްވެސް ގޮސް ގުޅެނީ ފައިސާ އާއި ކަމަށާއި ރާއްޖެ އަށް ބޭނުންވާ ފައިސާ ލިބިގެން ނޫނީ އެއްވެސް އެއްޗެއް ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަންނަމުންދާ ހީނަރުކަން ކުޑަ ކުރުމަށްޓަކައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް އެޅުމަށް ނިންމި ސަބަބުތައް ސާފު ކުރުމަށް ސަރުކާރުގެ އިގްތިސޯދީ އަދި މާލީ ކަންކަމާއި ބެހޭ އިސް ފަރާތްތައް މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށް ވެސް ސައީދު ވަނީ އެދިވަޑައިގަންނަވާފައެވެ.
އެކަން އެގޮތަށް ކުރަން އެދުނީ ބޭރުގެ ޤައުމުތަކުގައި ވެސް މާލީ ކަންކަން ނިންމާއިރު ސަރުކާރު ޖަވާބުދާރީ ކުރަން މަޖިލީހުން އަދާކުރާ ދައުރު ބޮޑުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމެރިކާ، ޔޫކެ ފަދަ ޤައުމުތަކުގައި އަދި ޔޫރަޕްގެ ބޮޑެތި ޤައުމުތަކުގައި ވެސް މިކަން ކުރާ ގޮތަކީ، މަޖިލީހުން ވަރަށް ބޮޑު ރޯލެއް މީގައި އަދާކުރެއޭ ސަރުކާރުން މިފަދަ ޕްރޮގްރާމްތައް މާލީ ކަންކަމުގައި ޚާއްސަކޮށް ޖަވާބުދާރީ ކުރުމަށްޓަކާ. އެއީ ޤާނޫނު އަސާސީގެ ވެސް ރޫހަކީ. އަދި ޤާނޫނުތަކުގެ ޖުމްލަ މަހުފޫމް މި އޮންނަނީ މިގޮތަށް އެތުރިގެން ގޮސްފައި،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ސަރުކާރުގެ އިގްތިސޯދީ އަދި މާލީ ކަންކަމާއި ބެހޭ އިސް ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރަން ބޭނުންވާ ސަބަބަކީ ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރި ކުރާ ފަރާތްތަކާއި މާލީ ދާއިރާތަކާއި މުޅި އިގްތިސޯދަށް ކުރާނެ އަސަރު ދެނެގަތުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ