ރާއްޖޭގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރެން ފެށީ އަމިއްލަ އިހުމާލުން - ރައީސް މައުމޫން

ރާއްޖޭގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރެން ފެށީ އަމިއްލަ އިހުމާލުން ކަމަށާއި ދެންވެސް ގޭގައި ތިއްބެވުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުނޫން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހަލުވި ކަމާ އެކު ކޯވިޑް ފެތުރެން އެ ފެށީ އިރުޝާދު ތަކަށް ކަމޭ ނުހިތާތީ ކަމަށެވެ.
"ހިތާމައާ އެކު ދަންނަވަން. ރާއްޖޭގައި ހަލުވި ކަމާ އެކު ކޯވިޑް ފެތުރެން އެ ފެށީ އިރުޝާދު ތަކަށް ކަމޭ ނުހިތާތީ. އަމިއްލަ އިހުމާލުން. ދެންވެސް ގޭގައި ތިއްބަވާ! ޖިސްމާނީ ދުރުމިން ހިފަހައްޓަވާ! ﷲ ގެ ރަޙްމަތަށް އެދެން." ރައީސް މައުމޫން ވިދާޅުވިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ މާލެއިން ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން އިންތިހާއަށް ގިނަވީ އިރުޝާދުތަކަށް ތަބާނުވެ، ޕާޓީތައް ބޭއްވުމާއި މަސްދަތުރު ދިއުން ފަދަ ކަންތައްތައް ކޮށްފައި ވާތީ ކަމަށެވެ.
މާލެ އިން ކޮވިޑް-19 ފެނުމުން މާލެ ފުރަބަންދު (ލޮކްޑައުން) ކޮށްފައި ވީނަމަވެސް އަދިވެސް މާލޭގެ ފިހާރަތައް ކައިރިއަށް ވަރަށް ގިނަ އަދަދެއްގެ މީހުން ދަނީ ޖަމާވަމުންނެވެ.
ދެދުވަސް ތެރޭގައި މާލެ އިން ވަނީ ކޮވިޑް-19 ޖެހިފައި ތިބި ފަސް މީހުން ފެނިފައެވެ. އަދި ރާއްޖެ އިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ. އޭގެ ތެރެއިން އަދި ބަލިން ރަނގަޅުވީ 16 މީހުންނެވެ. ދެމީހަކު ރާއްޖެ އިން ފުރައިގެން ގޮސްފައި ވާތީ މިހާރު ރާއްޖޭގައި ބަލި ޖެހިފައި ތިބީ 07 މީހުންނެވެ. މިއެންމެންނަކީ ވެސް ދިވެހިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ