އަބްދުﷲ ގާޒީ ވީތަނެއް ނޭނގޭތީ އާއިލާ ހާސްވެފައި

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފުލުހުން ހައްޔަރުކުރިތާ 48 ގަޑިއިރު ވީއިރު ވެސް އެނާއާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް އެނާގެ އާއިލާން ބުނެފި އެވެ.
އަބްދުﷲ ގާޒީގެ އާއިލާގެ މެންބަރަކު ބުނީ އަބްދުﷲ މުހައްމަދު އަންހެނުންނަށާއި އެނާގެ އާއިލާއަށް ފުލުހުންނާއި ސިފައިން އެއްވެސް މައުލޫމާތެއް މިހާތަނަށް އަންގާފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެނަށް އެންމެ ފަހުން އަބްދުﷲ މުހައްމަދު ފެނުނީ ފުލުހުން އައިސް މިގެއިން އެނާ ގަދަކަމުން ގެންދިޔައިރު. އޭގެ ފަހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ލިބިފައި އެއްނުވޭ. އަބްދުﷲ މުހައްމަދުގެ އަންހެނުނަށް ވެސް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ. އެނާގެ ވަކީލަށް ވެސް މައުލޫމާތެއް އަންގާފާއެއްނުވޭ،" އަބްދުﷲ ގާޒީ އުޅުއްވާ ގެކޮޅުގައި ހުންނަވާ އާއިލާގެ މެންބަރަކު ބުންޏެވެ.
އަބްދުﷲ ގާޒީ ވަކީލް އިބްރާހިމް ރިޒާ ވިދާޅުވީ ހޯމަ ދުވަހުގެރޭ އަބްދުﷲ ގާޒީ ގުޅުއްވާފައި ސިފައިން އެނާ ގެންދަވާ ކަމަށް ވިދާޅުވި ކަމަށާއި އޭގެ ފަހުން އެނާގެ މައުލޫމާތެއް ލިބިފައިވާ ނުވާ ކަމަށެވެ.
"އަޅުގަނޑަށް ގުޅުއްވާފައި އަބްދުﷲ މުހައްމަދު ވިދާޅުވީ ފުލުހުން އައިސް ގެއަށްވަދެ ގޮވައިގެންދާ ކަމަށް. ދެން އަޅުގަނޑު ދިޔައީ ފުލުސް އޮފީހާ ދިމާލަށް. ދަނިކޮށް ގުޅުއްވާފައި ވިދާޅުވީ ލޯންޗަކަށް އަރުވައިގެން ދޫނިދޫއަށް ގެންދަނީއޭ މިހާރު. އެ ހާހިސާބުން އަޅުގަނޑާ ގުޅުން ކެނޑުނީ، އެ ބޭފުޅާ ވެސް ފޯނަކަށް ޖަވާބެއް ނުދެއްވާ. އެ ވަގުތުން ފެށިގެން މިހާތަނަށް އެއްވެސް މައުލޫމާތެއް ނޭނގޭ،" ރިޒާ ވިދާޅުވި އެވެ.
އެނާ ވިދާޅުވީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ފަހު އެނާއަށް ލިބިދޭން ޖެހޭ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށެވެ. ރިޒާ މިހާރުވަނީ އަބްދުﷲ ގާޒީ ހުންނެވިތަން އަންގަވާ ދެއްވުމަށް އެދި ގައުމީ ދިފާއީ ބާރަށް ސިޓީ ފޮނުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ