ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންގުޅުއްވާ ސިޔާސަތުތައް ވަރަށް ހަރުދަނާ ކަމަށާއި، ކުރިމަތީގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް ގައުމު ދަނީ ރަނގަޅު މިސްރާބަކަށް ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ, ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ، ރައީސް ޔާމީންގެ ސިޔާސަތުތަކަކީ ވަރަށް ހަރުދަނާ ސިޔާސަތުތަކެއް ކަމަށާއި، ގައުމު ދަނީ ރަނގަޅު މިސްރާބަކަށްކަން ހާމަވާ ކަމަށެވެ.
"މިހާރު ތަރައްގީއަށް ބެލިކަމުގައި ވިޔަސް ކުރިއެރުންތައް ފެނޭ. އެއީ މާލެ ވިޔަސް، އަތޮޅުތެރެ ވިޔަސް. އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުން ބޭނުންވެއޭ ތަރައްގީގެ އިތުރު އުސްމިންތަކަކަށް ދާން. މި މަސައްކަތްތައް ހަލުއިކުރުމަކީ މުހިންމު ކަމެއް،" ދުންޔާ ވިދާޅުވިއެވެ.
ކުރިން ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެއްވި ދުންޔާ، ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން މިރޭ ވިދާޅުވީ، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ބަޔަކަށް ވުމަކީ، ޚާރިޖީ ސިޔާސަތުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ މައުމޫން، އެމަގާމުން އިސްތިއުފާ ދެއްވީ، ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ޚިޔާލު ތަފާތު ވެގެންނެވެ. އެހެން ނަމަވެސް އޭގެ ހަ މަސް ފަހުން މި މަހުގެ ތެރޭގައި، ދުންޔާ ވަނީ އެނބުރި ސަރުކާރަށް ވަޑައިގެން، ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ފައްޓަވައިފައެވެ.
ރައީސް ޔާމީންގެ ސިޔާސަތުތައް ވަރަށް ހަރުދަނާ, ގައުމު ދަނީ ރަނގަޅު މިސްރާބަކަށް - ދުންޔާ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ