ހިބަޅިދޫ އަލުން މޮހޯގެ ހިއްސާ އޮތް ކުންފުންޏަށް ދޭން ކޯޓުން އަމުރުކޮށްފި

ބ.ހިބަޅިދޫ އިން ހަތިޔާރު ފެނުނު މައްސަލައިގައި ތަހުގީގަށް ފިލައިގެން އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ އޮތް ބިޒްނާސް މޯލްޑިވްސްއާ އެރަށް އަލުން ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ސިވިލްކޯޓުން އެގޮތަށް އަމުރުކުރީ ބ.ހިބަޅިދޫ އިން ހަތިޔާރު ފެނުނު މައްސަލައިގައި އެ ރަށް ހިންގުމާ ހަވާލުވެ އޮތް ބިޒްނާސް މޯލްޑިވްސް ކުންފުނީގެ އަތުން ސަރުކާރުން އެރަށް އަތުލުމާއި ގުޅިގެން ބިޒްނާސް މޯލްޑިވްސް އިން ކޯޓަށް ހުށަހެޅި މައްސަލަ އަކާއި ގުޅިގެންނެވެ.
ސިވިލްކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހިބަޅިދޫގެ އެއްބަސްވުން ބާތިލްކޮށް، ސަރުކާރުން ފޮނުވި ނޯޓިހަކީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ ޚިލާފަށް ފޮނުވި ނޯޓިހެއް ކަމަށާއި އެހެންކަމުން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އެރަށް ބިޒްނާސް ކުންފުންޏާ އަލުން ހަވާލުކުރުމަށެވެ.
ހިބަޅިދޫ ބިޒްނާސް މޯލްޑިވްސް އަތުން އަތުލީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ތެރެއިން ނެވެ. ހިބަޅިދޫއިން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނު އިރު ބިޒްނާސް ކުންފުނީގެ ހިއްސާދާރު މޮހޯ އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް ބޭފުޅެކެވެ.
މިމައްސލައިގައި ކުރީގެ ނައިބުރައީސް އަދީބާއި މޮހޯގެ އިތުރުން އިތުރު ފަރާތްތަކަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ