ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފިނަމަ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެ: ރައީސް މައުމޫން

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުކަމީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތައް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގޮސް ރައްޔިތުންނަށް ފޯރުކޯށްދޭންޖެހޭ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެގެންދާނެ ކަމެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ސިވިލް ކޯޓަށް އެ ޕާޓީގެ ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައަކީ ހަމައެކަނި ޕާޓީގެ އަމިއްލަ މަސްލަހަތު ދިފާޢު ކުރުމަށްޓަކައި އެހެން ހުރިހާ ސިޔާސީ ޕާޓީތަކާއި ކެނޑިޑޭޓުންގެ މަޞްލަޙަތު ގެއްލޭ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެއީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ކައުންސިލްގެ އުމުރަކީ ކައުންސިލް އިންތިހާބުވާ ތާރީހުން ފެށިގެން ތިން އަހަރު ދުވަސް ކަމަށެވެ. އެގޮތުން އެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އައު ކައުންސިލް އިންތިހާބު ކުރަންވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވާ ކަމަށް ބަޔާނުގައިވެ އެވެ
އެހެންކަމުން މިހާރު ތިބި ކައުންސިލްތައް އިންތިހާބުކޮށްފައި ވަނީ 27 ފެބްރުއަރީ 2017 އަށް ކަމަށާއި އާ ކައުންސިލް އިންތިހާބު ކުރަން ޖެހޭނީ އަންނަ ޖެނުއަރީ މަހުގެ 27 ގެ ކުރިން ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ. އެކަން ނުކޮށްފިނަމަ ކައުންސިލްތައް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވަންނާނެ ކަމަށް ބަޔާނުގައިވެ އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވެވިފައި ނުވާ ކަމަށެވެ. ޕާޓީ ހިންގުމަށް ދިމާވި ހުރަސްތައް ގިރާކޮށް، ކަނޑައެޅިފައިވާ ވަގުތަށް އިންތިހާބަށް ތައްޔާރު ވުމަކީ އެކަށިގެންވާ ކަމަކަށް ނުވާނެ ކަމަށް މައްސަލާގައި ބުނެފައިވެއެވެ. އޭގެއިތުރުން ބުނެފައިވަނީ، ޕާޓީގެ ޑޭޓާ ބޭސް ނެތުމާއި، ޕާޓީގެ އާއްމު މެންބަރުންގެ ދަފުތަރު ވެސް ނެތުމާއި، އެހެނިހެން މުހިއްމު ލިޔެ ކިއުންތައް ނެތް އިރު، މިހާރު ކަނޑައެޅިފައިވާ ތާރީހަށް އިންތިހާބު ބޭއްވުމަކީ ޕާޓީއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިވާނެ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ