އުމުރުން 10 އަހަރާއި 11 އަހަރުގައި ރާއްޖޭގައި ލޯބީގެ ގޮތުން ބައިވެރިއަކު ހޯދާ: އެޗްއާރުސީއެމް

ރާއްޖޭގައި އާއްމުގޮތެއްގައި އުމުރުން 10 އަހަރާއި 11 އަހަރުގައި ލޯބީގެ ގޮތުން ބައިވެރިއަކު ހޯދާކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އެޗްއާރްސީއެމްއިން އާއްމުކޮށްފައިވާ ސެކްޝުއަލް އެންޑް ރީޕްރޮޑަކްޓިވް ހެލްތް އެޑިއުކޭޝަން ރިޕޯޓުގައި ވާގޮތުން އެފަރާތުން ހެދި ސަރވޭގައި ބައިވެރިވި އެންމެންވެސް ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި 10 އަހަރާއި 11 އަހަރާއި ދެމެދުގެ އުމުރެއްގައި ލޯބީގެ ގޮތުން ކުދިންގުޅެ އެވެ. އާއްމުގޮތެއްގައި ފުރާވަރުގެ އުމުރުގެ ތެރޭގައި ކުދިން ގައިގޯޅިވެ، ޖިސްމާނީ ގުޅުން ހިންގާ ކަމަށް ސާވޭގައި ބައިވެރިވި ފަރާތްތަކުން އެއްބަސްވެފައިވާ ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މި ދިރާސާއިން ދައްކާ ގޮތުން އާއްމު ގޮތެއްގައި ކުދިން ފުރާވަރު އުމުރުގައި ބައިވެރިއަކު އިހްތިޔާރު ކުރުމަށް މައިންބަފައިން ހިތް ހަމަނުޖެހޭ ކަމަށާއި މިފަދަ ބައިވެރިން މި އުމުރުގައި ކުދިން ގެންގުޅެނީ ސިއްރުން ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ބައެއް ބެލެނިވެރިން އެމީހުންގެ ކުދިން ކިޔަވާ ނިންމާ ވަޒީފާއަކަށް ދާންދެންވެސް އެކުދިން ބައިވެރިއަކު ހޯދުމަށް އެއްބަސްނުވާ ކަމަށް ރިޕޯޓުގައި ބުނެ އެވެ.
މީގެ އިތުރުން ފުރާވަރު އުމުރުގެ ކުދިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މަންޒަރު އާއްމުކޮށް މަގުތަކުން ނުފެންނަ ކަމަށާއި އެމީހުން ދިމާކޮށް ހަދަނީ ރަށްރަށުގައި އެކަހެރި ތަންތަނުގައި ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. މިގޮތަށް އެކަހެރިކޮށް ބައްދަލުކުރުމުގެ ސަބަބުން ޖިންސީ ގުޅުންތައް ހިންގުމަށް މަގުފަހިވާ ކަމަށްވެސް ސާވޭގެ ނަތީޖާއިން ދައްކާ ކަމަށް ރިޕޯޓުން ދައްކައެވެ. މިފަދަ ގޮތަކަށް އެކަހެރި ސިއްރު ބައްދަލުވުންތަކަށް މަގުފަހިވަނީ ބެލެނިވެރިންގެ ހުއްދަ ނުލިބި، ބެލެނިވެރިން ގަބޫލު ނުވާތީކަމަށްވެސް ސަރވޭގައި ވަނީ ބަޔާންކޮށްފައެވެ.
ލޯބީގެ ގޮތުން ފުރާވަރުގައި ކުދިންނާއި ގުޅިގެން އުޅޭ ކަން އެނގުމުން އެފަދަ ކުދިންގެ ބެލެނިވެރިން ކުދިންނަށް އަނިޔާކޮށް، ގޭ ބަންދު ކުރުންފަދަ އަދަބު ދެއެވެ. މި ސަގާފަތަކީ ސައުތު އިންޑިއާ ހިސާބުން އައިސްފައިވާ ސަގާފަތެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު އަނެއް ބަޔަކު ބުނަނީ އެއީ ދީނީ ގޮތުން ދިވެހިން ގަބޫލުކުރާ ކަންކަމުގެ ސަބަބުން އައިސްފައިވާ ސަގާފަތެއް ކަމަށެވެ.
މީގެ އިތުރުން ޅައުމުރުގައި ޒަވާޖީ ހަޔާތެއް ފަށެމުގެ ސަބަބުން ސިއްހީ މައްސަލަތަކުގެ އިތުރުން ވަރި ގިނަވުމަށް ވެސް މަގުފަހިވާ ކަމަށް މި ސާވޭގައި ބައިވެރިވި ގިނަ މީހުން ގަބޫލުކުރެއެވެ. ސާވޭގައި ބައިވެރިވި ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުން ޅައުމުރުގައި ފާހިޝް އަމަލުތަކުގެ ތެރެއަށް އަރައިގަތުމުގެ ބަދަލުގައި އަވަހަށް ކައިވެނި ކުރުން މާ ރަގަޅު ކަމަށް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ދެވަނަ އަތްބެއް ހޯދުމަށްޓަކާއި ދޮށީ އަނބިމީހާއަށް ނޭންގުމަށް ބޭރުގެ ގައުމުތަކަށް ގޮސް ކައިވެނި ކުރާ އަދަދުވެސް އިތުރުވެފައިވާ ކަމަށް މި ދިރާސާގައި ބައިވެރިވި ގިނަ މީހުން ގަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ