މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރެއިން ދައުލަތަށް ވަންނަންޖެހޭ ފައިސާތަކެއް ވިލާ ގުރޫޕްގެ އެކައުންޓްތަކަކަށް ޖަމާކޮށްފައިވާ ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެމައްސަލާގައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ވިލާ ގުރޫޕާ ގުޅޭ ގޮތުން ސުއޫދު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން މިއަދު ވީޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ.
ވިލާ ގުރޫޕާ ގުޅޭ ގޮތުން ސުއޫދު ވާހަކަ ދެއްކެވީ އެމްއެމްޕީއާރްސީގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ އަގު 79 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި މިފައިސާގެ ތެރެއިން 70.17 މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަށް ކަމަށް އޮޑިޓާ ޖެނަރަލް ނެރުއްވި އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވާތީ އެސްއޯއެފްގެ ވަކީލްގެ ހައިސިއްޔަތުން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ވިލާ ގުރޫޕާ ގުޅުވައިގެން ސުއޫދު ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ވާހަަކަތަކެއް އުފަންކޮށްގެން ކަމަށެވެ. އެއްވެސް އިރަކު ވިލާ ގުރޫޕްގެ އެކައުންޓަކަށް ވެސް އަދި ޖުމްހޫރީ ޕާޓީގެ އެކައުންޓަކަށްވެސް އެމްއެމްޕީއާރްސީގެ ފައިސާތަކެއް ވަދެފައި ނުހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެގޮތަށް ހިނާޔާތުން ލިބޭ ފައިސާ ދުވަހަކުވެސް ބޭނުން ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިއީ ހަމަ އަޅުގަނޑުމެންނަށް ގެއްލުމެއްދީ ފިތުނަ އުފައްދަން ދެއްކެވި ވާހަަކަތަކެއް. ފިތުނަ އުފައްދަން ވެސް މިހުންނަނީ ދައްކާ ވަރުގެ ވާހަކަތަކެއް ނޫން. މިކަމާ ގުޅިގެން އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް މިލިބެނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ތެރޭގައި ހިންގާފައިވަނީ ވަރަށް ބޮޑު ހިޔާނާތެއް ކަމަށާއި އެކަމާއި ގުޅިގެން ދައުލަތަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ ތެރޭގައި ހިޔާނާތުގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ބެއްލެވުމުގެ ދަށުގައި އެތަން ވަނިކޮށް ކަމަށްވާތީ ހިޔާނާތުގެ މިމައްސަލާގައި އަދީބް ޒިންމާވާން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މިވަރުގެ ހިޔާނާތަކާއި އެމަނިކުފާނާ ގުޅުވަންޖެހޭ އެއްވެސް ސަބަބެއް ނެތި އެމަނިކުފާނާ ވިލާ ގުރޫޕާ ގުޅޭގޮތުން ސުއޫދު ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާފައިވާތީ އެމްއެމްޕީއާރްސީގެ ފައިސާއާއި ރައީސް އަބްދުﷲ ޔާމިނާ އަދި ރައީސްގެ އަނބިކަނބަލުންނާއި ގުޅުވައިގެން ދައްކާ ވާހަކަތައް ވެސް އެމަނިކުފާނަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. އަދި މިވަރުގެ ބޮޑު މައްސަލައަކާއި ގައުމުގެ އެންމެ މަތީ ވެރިޔާއާއި ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް މިގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ދައްކާ މީހުންގެ އަބުރު ދުއްވާލައި ވިޔަފާރިއަށް ގެއްލުން ދިނުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން. ދައުލަތުގެ މުއައްސަސާތަކުގެ އަގު ވައްޓާލައި އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ގުޅޭ ގޮތުން މިފަދަ ވާހަކަދައްކާއިރު މިއަށް ވުރެ ޒިންމާދާރުވާންޖެހޭނެ. މީހެއްގެ އަބުރު ގެއްލުވާލުމަކީ ވަރަށް ބޮޑު ހިތާމައެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ސުއޫދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ސުއޫދާ ގުޅުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު އެމަނިކުފާނު ސުއޫދަށް މެސެޖެއް ކުރެއްވުމުން ސުއޫދު ޖަވާބުގައި ފޮނުއްވި މެސެޖުގައި އޭނާ ވާހަކަ ދެއްކެވީ އެސްއޯއެފްގެ ތެރެއިން ލިބުނު މައުލޫމާތަށް ބަލައިގެން ކަމަށް ވިދާޅުވި ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ވާހަކައެއް އަޑުއިވުމުން އެކަމުގެ ހަގީގަތް ބަލައި އޮޅުން ފިލުވާފައި ނޫނީ އެވާހަކައެއް ގަބޫލުނުކުރުމަކީ ދިވެހި ރައްޔިތުންނަށް ކުރާ އިލްތިމާސްއެއް ކަމަށެވެ. އަހަރެމެން އެންްމެންނަށް ވުރެ ގައުމު ބޮޑު ކަމަށާއި އެހެންކަމުން ގައުމަށް ދެރަގޮތެއް ލިބޭ ގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށްވެސް ގާސިމް އެދިވަޑައިގެންނެވި އެވެ.
ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ އެމަނިކުފާނު މިއަދުގެ ސަރުކާރާއި އެކު ދެމިހުރީ ސަރުކާރުން ރަނގަޅު ކަންތައްތަކެއް ކުރާތީ ކަމަށެވެ. ސަރުކާރުން ގޯސްކޮށް ކަމެއް ކުރާނަމަ މަަސްލަހަތު ނުގެއްލޭ ގޮތަށް އެކަމެއް ސަރުކާރުގެ ކަމާއި ގުޅުންހުރި ފަރާތްތަކުގެ ސަމާލު ކަމަށް ގެންނާނެ ކަމަށާއި އެކަންކަން އިސްލާހު ނުކުރާނަމަ އެންމެންނަށް އިނގޭހެން ސަރުކާރުގެ ވާހަކައެެއް ދައްކަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެކަން ކުރައްވާނެ ކަމަށްވެސް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ވިލާއަށް އެއްވެސް ފައިސާއެއް ލިބިފައެއް ނެތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ