ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ނާޒިމްގެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމީ މިމައްސަލައިގެ އިޖުރާއީ ދެ އަޑުއެހުމެއް ބޭއްވުމަށްފަހު އެވެ.
ނާޒިމްގެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ނާޒިމްގެ ގާނޫނީ ޓީމުގެ ބަހެއް ވަނީ ވީނިއުސް އަށް ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ނާޒިމްގެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމުމުގައި އެއްވެސް އަސާސެއް އޮތްތޯ ސޯޝަލް މީޑިއާގައި މީހަކު ނާޒިމްގެ ގާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދާ ސުވާލުކުރެއްވުމުން ސުއޫދު ވިދާޅުވީ ނާޒިމްގެ މައްސަލަ ބަލައިނުގަތުމަށް ނިންމުމުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.
އިޖުރާއީ އަޑުއެހުންތަކުގައި ނާޒިމްގެ ފަރާތުން ވަނީ އޭނާއާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން ދިފާއުގައި އާ ހެކިތަކެއް ވެސް ހުށަހަޅާފަ އެވެ. އަދި ދައުލަތުން ވެސް ވަނީ ނާޒިމްގެ ދިފާއީ އާ ހެކިތަކަށް ބާރުދޭ ފަދަ ހެއްކެއް ޝަރީއަތަށް ހުށަހަޅާފަ އެވެ.
އެގޮތުން ނާޒިމް ދިރިއުޅުއްވާ ގ. އެނިފްގެ އެޕާޓްމަންޓުން ފެނުނު ހަތިޔާރުގެ މައްސަލާގައި ނާޒިމް 11 އަހަރަށް ޖަލަށްލާފައިވަނީ ނާޒިމްގެ ފްރޭމްކޮށްގެން ކަމަށާއި އެކަން ކުރީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކަމަށް ނާޒިމްގެ ފަރާތުން ޝަރުއީ ހުރިހާ މަރުހަލާއެއްގައިވެސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެކަމަށް ބާރުލިބޭ ގޮތަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ރިޕޯޓްގައި ވަނީ ނާޒިމްގެ ގެއިން ފެނުނު ހަތިޔާރުން އަދީބްގެ ޑީއެންއޭ ފެނިފައިވާ ކަމަށް ބުނެފަ އެވެ.
ނާޒިމްގެ ފަރާތުން ވަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ބާތިލްކޮށްދިނުމަށް އެދިފަ އެވެ. އަދި ދަށު ކޯޓާއި ހައިކޯޓް މަރުހަލާގައި ހުށަހަޅާފައި ނުވާ އާ ހެކިތަކެއް ވެސް ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެގޮތުން ހުށަހެޅި މައުލޫމާތު ތަކުގެ ތެރޭގައި ނާޒިމްގެ އެޕާޓްމަންޓްގެ ކޮޓަރިއަށް ފިސްތޯލަ ވެއްދީ އާސިފް ކިޔާ ފުލުހެއް ކަމަށް ނާޒިމްގެ ގާނޫނީ ޓީމުން ވަނީ ސުޕްރީމް ކޯޓުގައި ބުނެފަ އެވެ.
ނާޒިމްގެ އެޕާޓްމަންޓަށް ފިސްތޯލަ ވެއްދި ކަމަށް ބުނާ އާސިފް ކޯޓަށް ހާޒިރުކޮށް އޭނާގެ ހެކިބަސް ނަގައިދިނުމަށްވެސް ނާޒިމް ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ. ސުޕްރީމް ކޯޓުގައި އޮތް އިޖުރާއީ އަޑުއެހުމުގައި ސުއޫދު ވިދާޅުވީ ނާޒިމްގެ ގެއިން ހަތިޔާރު ފެނުނީ އޭގޭގެ ކަބަޑެއްގައި އޮތް ކަޅު ދަބަހަކުން ކަމަށް ފުލުހުން ބުނާއިރު ފުލުހުން އެގެއަށް ވަނުމުގެ ކުރިން އެ ދަބަހަކީ އެ ގޭގައި އޮތް ދަބަހެއް ނޫން ކަމަށެވެ. އަދި އެދަބަސް ނާޒިމްގެ އެޕާޓްމަންޓަށް ވެއްދީ އާސިފް އަންބޮނޑިއަށްލާ ފޮރުވައިގެން ކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ އާސިފް ކޯޓަށް ހާޒިރުކޮށްދީގެން ކަމަށްވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.
ނާޒިމްގެ ފަރާތުން އިޖުރާއީ އަޑުއެހުމުގައި ވަނީ އޭނާގެ ފަރާތުން ދަށު ކޯޓު މަރުހަލާގައި ކޯޓަށް ހުށަހެޅި ބައެއް ހެކިންގެ ހެކިބަސް ނަގާފައި ނުވާތީ އެމީހުންގެ ހެކިބަސް ނަގައިދިނުމަށް އެދިފަ އެވެ. އަދި އަލަށް ބައެއް އިތުރު ހެކި ހުށަހެޅުމަށްވެސް އެދިފައިވެ އެވެ.
އެގޮތުން ނާޒިމްގެ ފަރާތުން ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގައިދިނުމަށް އެދިފަ އެވެ. އުމަރު ހާޒިރުކުރަން އެދިފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު ނާޒިމަށް ފޯނުން ގުޅުއްވާ "ހޭއަރުވާލާނެ" ކަމަށް ބުނެ އިންޒާރު ދެއްވިކަން ސާބިތު ކުރުމަށެވެ. އަބްދުﷲ ގާޒީ ހާޒިރުކުރަން ހުށަހެޅުއްވީ ގ. އެނިފްއަށް ވަނުމަށް ކޯޓް އަމުރު ހޯދާފައިވަނީ އޮޅުވާލައިގެން ކަމަށްވާތީ އެކަން ސާބިތު ކުރުމަށެވެ.
މީގެ އިތުރުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބްއާއި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުއާއި އޭރުގެ ޕީޖީ މުހުތާޒު މުހުސިންގެ ހެކިބަސް ނަގައިދިނުމަށްވެސް ނާޒިމްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވެ އެވެ.
މިބޭފުޅުންގެ ތެރެއިން އަދީބް ކޯޓަށް ހާޒިރުކޮށްދޭން އެދިފައިވަނީ ފުލުހުން ނާޒިމްގެ އެޕާޓްމަންޓަށް ވަނުމުގެ ކުރިން ނާޒިމްގެ ގޭގައި ހަތިޔާރު ހުރި ކަމަށް ބުނެ އަދީބް ފުލުހުންނަށް މައުލޫމާތު ދީފައިވާތީ އަދީބަށް އެކަން އެނގުނު ގޮތެއް ސާބިތުކުރުމަށެެވެ.
ސުއޫދު ވިދާޅުވީ ނާޒިމްގެ އެޕާޓްމަންޓަށް ފުލުހުން ވަންނަން ދިޔައިރު އެގެ ހުންނަ މަގުގައި ކާރެއްގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބްއާއި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުއާއި އޭރުގެ ޕީޖީ މުހުތާޒު މުހުސިން ތިއްބެވި ކަމަށެވެ. އަދި މިނޫން އެހެން ބައެއް މައުލޫމާތުވެސް ސާބިތުކުރުމަށް ހުސައިން ވަހީދުއާއި މުހުތާޒު ކޯޓަށް ހާޒިރުކޮށްދިނުމަށް ސުއޫދު އެދިވަޑައިގެންނެވި އެވެ. ކަމަށެވެ. އަދި މިނޫން އެހެން ބައެއް މައުލޫމާތުވެސް ސާބިތުކުރުމަށް ހުސައިން ވަހީދުއާއި މުހުތާޒު ކޯޓަށް ހާޒިރުކޮށްދިނުމަށް ސުއޫދު އެދިވަޑައިގެންނެވި އެވެ.
ނާޒިމްގެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ