ތިން ދާއިރާގެ ސުޕަރ ސްޕެޝަލިސްޓުން، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެނީ

އަންނަ ސެޕްޓެމްބަރު މަހު، ތިން ދާއިރާއެއްގެ ސުޕަރ ސްޕެޝަލިސްޓު ޑޮކްޓަރުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ޑޮކްޓަރުން، އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުން، ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެ ހޮސްޕިޓަލުގައި ފަރުވާ ދޭނީ ކިޑްނީގެ ބަލިތައް (ނެފްރޮލޮޖީ)، ކުޑަކަމުދާ ނިޒާމުގެ ބަލިތައް (ޔޫރޮލޮޖީ) އަދި ދަރިމައިވުމާ ބެހޭ ބަލިތަކުގެ (ފާޓިލިޓީ) ޚާއްޞަ ޑޮކްޓަރުންނެވެ.
އެ އިޢުލާނުގައި އިތުރަށް ބުނެފައިވާ ގޮތުން، މި ޑޮކްޓަރުން ދައްކަން ބޭނުންވާ ފަރާތްތަކުން، ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތްކުރާ އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުންނާއި، އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުން އަދި އޮޕަރޭޝަން ޑޮކްޓަރަށް ދެއްކުމަށްފަހު، ނަން ނޯޓުކުރަން ވަނީ އެދިފައެވެ. އަދި، ނަން ނޯޓުކުރުމުގެ ކަންކަން، މިއަދުން ފެށިގެން ކުރިއަށްދާނެކަމަށްވެސް، އެ އިޢުލާނުގައިވަނީ ބުނެފައެވެ.
ދޭތެރެ ދޭތެރެއިން، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ލިބެން ނެތް ދާއިރާތަކުގެ ސްޕެޝަލިސްޓު އަދި ސުޕަރ ސްޕެޝަލިސްޓު ޑޮކްޓަރުން ގެންދަނީ، އެހޮސްޕިޓަލަށް ޒިޔާރަތްކޮށް، ބަލި މީހުންގެ ބެލުމުގެ ކަންތައްތައް ކުރިއަށް ގެންދަމުންނެވެ. އަދި، އެހޮސްޕިޓަލުގައި ފުލް ޓައިމް މަސައްކަތް ކުރާނެ، އެކި ދާއިރާތަކުގެ ދިވެހި ޑޮކްޓަރުން ހޯދުމުގެ މަސައްކަތް، މިހާރުވެސް ދަނީ ކުރަމުންނެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަކީ، އެއްވަނަ ދަރަޖައިގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ކަންކަން ކުރަމުން ގެންދާއިރު، އެހޮސްޕިޓަލުގައި ސީޓީ ސްކޭން ޚިދުމަތް ދިނުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް، މިހާރު ދަނީ ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ