ފެމިލީ ކޯޓުގެ ގާޒީ އިބްރާހިމް އަލީ ކްރިމިނަލް ކޯޓަށް ބަދަލު ކުރަނީ

ފެމިލީ ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އިބްރާހިމް އަލީ ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ އިބްރާހިމް އަލީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފައިވަނީ އެމަނިކުފާނު އެގޮތަށް އެދިވަޑައިގަތުމުންނެވެ.
ގާޒީ އިބްރާހިމް އަލީ ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ނިންމާފައިވާއިރު، ޖުޑީޝަލް ސާރވިސް ކޮމިޝަނުންވަނީ ކްރިމިނަލް ކޯޓަށް އިތުރު 2 ގާޒީ އަކު ހޯދުމަށް އިއުލާންކޮށްފައެވެ.
އެފަދައިން ދަށު ކޯޓެއްގެ ފަނޑިޔާރަކު އެ މަރުހަލާގެ އެހެން ކޯޓަކަށް ބަދަލުކުރާނަމަ ސުޕްރީމްކޯޓުގެ ހުއްދަ ހޯދަން ޖެހޭނެކަމަށް އެކޯޓުން ކަނޑައަޅާފައިވީނަމަވެސް، ގާޒީ އިބްރާހިމް އަލީ ކްރިމިނަލް ކޯޓަށް ބަދަލުކުރުމުގައި އެފަދައިން އަމަލުކޮށްފައެއް ނުވެއެވެ. އެއީ، ގާޒީ އިބްރާހިމް އަލީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފައިވަނީ ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅުމުގެ ކުރިން ކަމަށްވާތީއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގާޒީ އިބްރާހިމް އަލީ ރަސްމީކޮށް ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ފައްޓަވާނީ އަންނަ މަހުގެ 1 ގައެވެ.
މިފަހަކަށް އައިސް ކްރިމިނަލް ކޯޓަށްވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އެކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ދީދީ މިހާރު ވަނީ ހައިކޯޓުގެ އިސްފަނޑިޔާރުކަމާއި ހަވާލުވެވަޑައިގެންފައެވެ. އަދި ހަމައެހެންމެ އެކޯޓުގެ ކުރީގެ ގާޒީ ޝުޖާޢު އުސްމާންވެސް ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ