މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމުގެ ޝަރުތައް ބަދަލު ގެންނަވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ހުޅުވައިލެވުނު ގިންތިތަކުގެ ތެރޭގައި ހިމެނޭ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުމުގެ ގިންތީގެ ޝަރުޠަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ބަދަލުގެންނަވައިފިއެވެ.
އެގޮތުން  ކޯހުގެ ކޮންމެ މާއްދާއަކުން ނުވަތަ މޮޑިއުލަކުން އެންމެމަތީ ދަރަޖަ ލިބިފައިވުން ކަމަށް އޮންނަ ޝަރުތު ވަނީ އުނިކޮށްފައެވެ.
މި ބަދަލަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދުމުގެ ގިންތިއަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރަށް ފުޅާކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ބުނެފައި ވެއެވެ.
މިބަދަލާއި އެކު، މި ގިންތިއަށް  އަލުން ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 14 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ޚާއްސަ އިނާމާ ބެހޭ ކޮމިޓީން ވަނީ ހުޅުވާލާފައެވެ.
ޝަރުތަށް ބަދަލުގެނެސް އަލުން ފުރުސަތު ހުޅުވާލި ނަމަވެސް މިހާރު އިނާމަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭގޮތަށް އެކޮމިޓީން ވަނީ ނިންމާފައެވެ.
މަތީ ތަޢުލީމާއި ތަމްރީނު ކޯހުގެ އެންމެމަތީ ވަނަ ހޯދުމުގެ ގިންތިން އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުން ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި  އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ