ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބުވެވަޑައިނުގަންނަވާނެ ކަމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރައީސް ޔާމީންގެ އަމަލުތައް ހުރީ ދެވަނަ ދައުރަކަށް އިންތިހާބު ކުރެވޭނެ ގޮތަކަށް ނޫން ކަމަށެވެ.
"އެހެންކަމުން މިހާލަތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލުކުރާ ގޮތަކީ ވެރިކަމުގައި ހުންނެވި ޕާޓީގެ ކެންޑިޑޭޓް ދެވަނަ ދައުރަކަށް ނުހޮވޭހެން ހީވާނަމަ ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލުން. ޕީޕީއެމްގެ ލީޑާޝިޕުންވެސް މިކަމަށް ވިސްނާނެ. އަދި ޕާޓީގެ އާންމު މެންބަރުން ވެސް މިކަމަށް ވިސްނާނެ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް ޔާމީނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލުކުރެވިދާނެ ކަމަށްވެސް މިހާރު ގަބޫލުނުކުރެއްވޭ ކަމަށާއި ހިޔާލުތަފާތުވުންތައް "މާދުރަށް" ގޮސްފައިވާ ކަމަށެެވެ. އަދި ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލުކުރަން މަސައްކަތް ކުރުމުގެ ޝައުގުވެރިކަމެއް މިހާރު ނެތް ކަމަށްވެސް ވިިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންނާ ޕީޕީއެމްގެ އާންމު މެންބަރުންނާ އޭނާއާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް ވެސް އެބައޮތް ކަމަށެވެ. އަދި ރައީސް ޔާމީނަކީ ވެސް އެމަނިކުފާނުގެ ގާތްބޭފުޅެއް ކަމަށާއި ރައީސް ޔާމީނާ ދޭތެރޭ ޒާތީ މައްސަލައެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ވާހަކައެއް ނުދެއްކޭނެ. އެކަމަކު އަޅުގަނޑަށް ފެންނަ ކަމެއްގެ ވާހަކައެއް ދަންނަވާލެވިދާނެ. އެގޮތުން މިހާރު ހިޔާލުތަފާތުވުންތައް ހުރި ގޮތުން އަޅުގަނޑަށް ގަބޫލު ނުކުރެވެނީ ރައީސް ޔާމީނާއެކު ރައީސް މައުމޫން ދެން ހުންނަވާނެ ކަމަށް. އެއަށްވުރެ އެގުޅުމުގައި މާބޮޑަށްވެސް ހިޔާލުތަފާތުވުން ބޮޑުވެފައި ވަނީ ރައީސް ޔާމީންގެ އަމަލުތައް ހުރި ގޮތުން،" އުމަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ހުންނެވީ އިދިކޮޅު އިއްތިހާދާއެކު ކަމަށް ބުނެފައިވާތީ އުމަރު ވަނީ ރައީސް ނަޝީދަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އުމަރު ވިދާޅުވީ ރައީސް ނަޝީދަކީ ވަރަށް ބޮޑަށް އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށެވެ.
އުމަރު ވިދާޅުވީ ރައީސް މައުމޫންގެ އަމަލުފުޅުތައް ހުރި ގޮތަށް ބަލާއިރު އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެެވެ. ނަމަވެސް ރައީސް މައުމޫނާ އެކަމުގައި އެއްވެސް މަޝްވަރާއެއް އުމަރު ކުރައްވާފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ރައީސް މައުމޫން ކުރައްވާ ކަމެއް ކުރައްވާނީ ވަރަށް ބޮޑަށް ބައްލަވާފައި. ރައީސް މައުމޫންގެ މޫވްމަންޓްތައް ހުންނަ ގޮތަށް ބަލާފައި އަޅުގަނޑު ދަންނަވާ އެއްޗެއް މިދަންނަވަނީ،" އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އިދިކޮޅު އިއްތިހާދަކީ ރައީސް ޔާމީނާ ހިޔާލު ތަފާތުވާ އެންމެން ތިބި އިއްތިހާދެއް ކަމަށް ދިވެހި ރައްޔިތުންނާ ބައިނަލްއަގްވާމީ ދުނިޔެއަށް ދެއްކުމަށް ކަމަށެވެ. އަދި އިދިކޮޅު އިއްތިހާދަކީ ރައީސް ނަޝީދު އަލުން ވެރިކަމަށް ވަޑައިގަތުމުގެ މަކަރުވެރި ރޭވުމުގެ ދަށުން ހަދާފައިވާ އިއްތިހާދެއް ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ދެވަަނަ ދައުރަކަށް އިންތިހާބެއް ނުވާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ