ގަތަރު ސަރުކާރުން މިދިޔަ އަހަރު "އެއްވެސް ޝަރުތަކާ ނުލައި" އެމެރިކާއަށް ހަދިޔާކުރި ބޮއިންގް 747-8 މަރުކާގެ ޖެޓު ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް ދައްކާލައްވައިފި އެވެ.
ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަގުހުރި މި ލަގްޒަރީ ޖަމްބޯ ޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ވަނީ ނިންމާލާފަ އެވެ.
މިދިޔަ ހުކުރު ދުވަހު ޖޮއިންޓް ބޭސް އެންޑްރޫސްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ބޯޓު ބަދަލުކޮށްލާފައިވަނީ މީގެ ކުރިން ދުވަހަކު ވެސް މީހަކު ދެކެފައި ނުވާ ފަދަ މަތީ ފެންވަރުގެ ލަގްޒަރީ "އުދުހޭ ވައިޓް ހައުސް" އަކަށް ކަމަށެވެ.
އެމެރިކާގެ އެއާ ފޯސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސް ދަތުރުކުރައްވަން ފެއްޓެވުމުގެ ކުރިން، ބޯޓަށް ގެނައި ބަދަލުތައް ޓެސްޓުކުރުމުގެ ގޮތުން ހަދާ "ފައިނަލް އެގްޒަމް" ނުވަތަ ފުރަތަމަ ކޮމިޝަނިން ފްލައިޓްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އެއާ ފޯސްއިން ބުނި ގޮތުގައި މި ޖެޓަށް ގެނައި ބަދަލުތަކުގެ ތެރޭގައި ސަލާމަތީ ކަންކަމާއި، މުވާސަލާތީ ނިޒާމާއި، ލޮޖިސްޓިކްސް ސަޕޯޓުގެ އިތުރުން އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނެ އެވެ.
ގަތަރުގެ ޝާހީ އާއިލާއިން މި ލަގްޒަރީ ބޮއިންގް 747-8 މަރުކާގެ ބޯޓު އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓަށް ހަދިޔާކުރީ 2025 ވަނަ އަހަރުގެ މެއި މަހުގަ އެވެ. އެއީ ރައީސްގެ ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ "އެއާ ފޯސް ވަން" ފްލީޓުގެ ބައެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ.
އެކަމަށް ސިޔާސީ ފަރާތްތަކާއި ޓްރަމްޕްގެ ބައެއް ބައިވެރިންގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ. އެ މީހުން ބުނީ މިފަދަ އަގުބޮޑު ހަދިޔާއެއް ގަބޫލުކުރުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި، އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމަކަށް ވެދާނެ ކަމަށެވެ.
އެމެރިކާގެ ގާނޫނު ބުނާ ގޮތުން އެމެރިކާގެ އޮފިޝަލުންނަށް ގަބޫލުކުރެވޭނީ 480 ޑޮލަރަށް ވުރެ ކުޑަ ހަދިޔާ އެވެ. ނަމަވެސް ވައިޓް ހައުސްއިން ބުނަމުންދަނީ މި ބޯޓު ގަބޫލުކުރުމަކީ ގާނޫނީ ގޮތުން ސައްހަ ކަމެއް ކަމަށާއި، ޓްރަމްޕްގެ ރިޔާސީ ދައުރު ނިމުމުން މި ބޯޓު އޭނާގެ ޕްރެޒިޑެންޝަލް ލައިބްރަރީއަށް ހަދިޔާކުރާނެ ކަމަށެވެ.
ގަތަރުން ހަދިޔާކުރި މި ޖެޓު އިތުރުކުރުމުގެ ކުރިން، އެއާ ފޯސް ވަން ފްލީޓުގައި ބޭނުންކުރަމުން ދިޔައީ 1990 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ 747-200B މަރުކާގެ ދެ ޖެޓެވެ. ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވަން ޗަންގް ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން ބޯޓެއް މިހާރު ވަނީ ބޭނުންކުރުން ހުއްޓާލާފަ އެވެ.
އެއާ ފޯސްއިން ބުނި ގޮތުގައި މި އާ ޖެޓު ރައީސް ބޭނުންކުރައްވާނީ ވަގުތީ ގޮތުންނެވެ. އެއީ ބޮއިންގް ކުންފުނިން ދިގު މުއްދަތަކަށް ބޭނުންކުރަން ތައްޔާރުކުރާ ދެ VC-25B ޖެޓު ހަވާލުކުރަންދެނެވެ.
ގަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު ޓްރަމްޕް ދައްކާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ