މަދީނާ ޔުނިވަސިޓީގެ ފުރަތަމަ ދިވެހި ގްރެޖުއޭޓް، ދީނީ ހިދުމަތްތެރިޔާ އިސްމާއީލް މުހައްމަދު އަވަހާރަވެއްޖެ

ރާއްޖޭގެ ދީނީ ތައުލީމު ކުރިއެރުވުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި، ދީނީ އިލްމުވެރިޔާ އިސްމާއީލް މުހައްމަދު (ތައިބާ ޝައިހް) ރޭ އަވަހާރަވެއްޖެ އެވެ.
ވީ ކިހިނެއް؟- ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ފަހަރަށް ދިން އޮނަރަރީ ޑޮކްޓަރޭޓްކަން މިދިޔަ އަހަރު ލިބިވަޑައިގެންނެވި އިސްމާއީލް މުހައްމަދު އަވަހާރަވީ އުމުރުން 91 އަހަރުގަ އެވެ.
އޭނާއަކީ މަދީނާ ޔުނިވަސިޓީއިން ޑިގްރީ ހާސިލް ކުރި ފުރަތަމަ ދަރިވަރެވެ.
ތަފްސީލް - ޝައިހަށް ޑޮކްޓަރޭޓްކަމުގެ ޝަރަފްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އާއްމު ކުރި ޕްރެޒެންޓޭޝަނެއްގައި ބުނި ގޮތުގައި، ދ. މީދުއަށް އުފަން އިސްމާއީލް ވަނީ ރާއްޖޭގެ ދީނީ ތައުލީމު ފެތުރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
އެގޮތުން:
ތޮއިބާ ސްކޫލުގެ ނަމުގައި ރާއްޖޭގައި ސްކޫލެއް ހުޅުއްވި
ޕާކިސްތާނުގެ ޖާމިޔާ ސަލަފިއްޔާ އާއި އެ ގައުމުގެ އެކި ޔުނިވަސިޓީތަކުން 100އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދައިދެއްވި
އޭގެ ތެރޭގައި، މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އާއި ޑރ. އަލީ ޒާހިރާއި ޑރ. އަހުމަދު ޒާހިރާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާނާއި ޑރ. އާދަމް ޝަމީމާއި ޑރ. މުހައްމަދު ގުބާދު އަބޫބަކުރާއި އަހުމަދު ސަމީރާއި ހުސެން ރަޝީދު އަހުމަދު އަދި އަބްދުލް އަޒީޒު ހުސެއިން ފަދަ ގިނަ ބޭފުޅުން ހިމެނޭ
އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޖެހުނު ހިތްހަމަނުޖެހުންތަކެއްގައި އިސްމާއީލް ރާއްޖެ ދޫކުރައްވައި ޕާކިސްތާނުގެ ޔުނިވަސިޓީގައި ދުވަސްތަކެއް ވާންދެން މަސައްކަތް ކުރެއްވި އެވެ. އެކަމަކު އެ ދުވަސްތަކުގައި ވެސް ދިވެހި ދަރިވަރުންނަށް އިލްމު އުނގަންނައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.
އިސްމާއީލް ވަނީ މިހާތަނަށް ދީނީ އެކި ކަންކަމާ ގުޅޭ ގޮތުން 40 ފޮތް ނެރުއްވާފަ އެވެ. އަވަހާރަވި އިރު، އަމިއްލަ ހަރަދުގައި ހުޅުމާލޭގައި ދިޔައީ 2،000 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރައްވަމުންނެވެ.
އެ މިސްކިތަށް ނަން ދީފައި ވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އައިޝަތުގެފާނަށް ނިސްބަތްކޮށް 'އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا'ގެ ނަމުންނެވެ. 
އިސްމާއީލް މުހައްމަދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދު ފަހުން އިސްލާމީ މަރުކަޒުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ