އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

އިސްރާއީލުގެ އުދުވާނީ ބާރުތަކުން އެއްގަމާއި ވައިގެމަގުން ޣައްޒާއަށް މިއަދު ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާއަށް ހަމަލާތަކެއް މިދިނީ، ޣައްޒާތެރެއިން ފޮނުވާލި ރޮކެޓެއް އިސްރާއީލުގެ ރަށަކަށް ވެއްޓުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
ޣައްޒާ ތެރެއިން ފޮނުވާލި ރޮކެޓް ގޮސްޖެހުނީ އިސްރާއީލުގެ ސްޑެރޮޓްގެ މަގެއްގެ މަތީގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ކަމެއް ނުވާކަމަށް އިސްރާއީލު ފުލުހުން ބުނެފައި ވެއެވެ.
ރައްދުގައި އިސްރާއީލު ސިފައިން ހަމަލާތައް ދިނީ، ޣައްޒާގެ އުތުރުގައި ހުރި ހަމާސްގެ ތަންތަން ކަމަށް ޝައްކުކުރެވޭ ތަންތަނަށް ކަމަށް އިސްރާއީލު ސިފައިންގެ ތަރުޖަމާނު ބުނެފައި ވެއެވެ.
އެގޮތުން، ހަމާސްގެ މަގާމުތައް ކަމަށް ބެލެވޭ ދެތަނަކަށް އިސްރާއީލު ސިފައިންގެ މަތިންދާ ބޯޓްތަކުންނާއި، ބޮޑުބަޑިން މިއަދު ހަމަލާ ދީފައި ވެއެވެ.
ފަލަސްތީނުގެ ސިއްހަތާބެހޭ އޮފިޝަލުންނާއި ސަލާމަތީ އޮފިޝަލުން ވިދާޅުވެފައިވަނީ، އިސްރާއީލުން މިއަދު ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނު ދެމީހަކަށް އަނިޔާވި ކަމަށެވެ.
"އެތަނުން އެކަކީ އުމުރުން 20 އަހަރުގެ ޒުވާނެއް. ބުރައިގެންދިޔަ ތޫނު އެއްޗެހިތަކެއް އޭނާގެ މޫނަށް ވަނީ ހެރިފައި" ފަލަސްތީނު ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް ގުދްރާ ވިދާޅުވިއެވެ.
މަންޒަރު ދުށް ފަލަސްތީނު މީހުން ބުނެފައިވަނީ، އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާގެ ތަންތަނަށް ވަރަށް ގިނަ ހަމަލާތައް މިއަދު ދިން ކަމަށެވެ.
ޣައްޒާ ތެރެއިން ރޮކެޓް ހަމަލާއެއް ދިނުމުގެ ސަބަބުން މިއަހަރުގެ ޖުލައިމަހުގެ 2 ވަނަ ދުވަހުވެސް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ. މިހަމަލާތަކުގައިވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ