ޕާޓީތަކަށް ދޫކުރާ ފައިސާ ދިހަ މިލިއަނަށް ވުރެ ބޮޑު ނުކުރުމަށް އިސްލާހު ހުށަހަޅައިފި
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާގެ އަދަދު ދިހަ މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނުކުރުމަށް ކަނޑައެޅުމަށް ސިޔާސީ ޕާޓީގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާންއެވެ. ޖަމީލް އުސްމާނު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ވެސް ދައުލަތުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއެއް ކަމަށެވެ. އަދި އެއީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އެ އަހަރުގެ ބަޖެޓްގައި ކަނޑައަޅާ އަދަދުގެ 0.05 އިންސައްތަ ކަމަށް ވެސް އިސްލާހުގައި ވެއެވެ. ނަމަވެސް ފައިސާގެ ޖުމްލަ އަދަދު ދިހަ މިލިއަން ރުފިޔާއަށް ވުރެން އިތުރު ނުވާނެ ކަމަށް ވަނީ އިސްލާހުގައި ބުނެފައެވެ. މިއަހަރު ސިޔާސީ ޕާޓީތަކަށް ވަނީ ޖުމްލަ 23 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ފައިސާ ދޫކުރަނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދުގެ ނިސްބަތުންނެވެ. މި އަހަރު އެންމެ ގިނަ ފައިސާ ލިބުނީ އެންމެ ބޮޑު ޕާޓީ ޕީޕީއެމް އަށެވެ. އެގޮތުން އެ ޕާޓީއަށް ވަނީ 10 މިލިއަން ރުފިޔާ ދީފައެވެ. ޕީޕީއެމްއަކީ އެންމެ ގިނަ މެމްބަރުން މިވަގުތު ތިބި ޕާޓީ އެވެ. އެމްޑީޕީއަށް މި އަހަރު ލިބިފައި ވަނީ 7.4 މިލިއަން ރުފިޔާއެވެ. އެ ޕާޓީއަކީ ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. ސަރުކާރާ އެކު މަސައްކަތް ކުރާ އެމްޑީއޭއަށް 2.7 މިލިއަން ރުފިޔާ ދީފައިވާ އިރު ޖުމްހުރީ ޕާޓީއަށް ވެސް ފައިސާ ދޫކޮށްފައިވަނީ ހަމަ އެ އަދަދަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ