އެންމެ ހޫނު ގަދަވި މެޗުން މޮޅުވެ ފްރާންސް ކުއާޓާ ފައިނަލަށް

ފިލަޑެލްފިއާ (ޖުލައި 5) - ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން 1-0 އިން ޕެރަގުއޭ ބަލިކޮށް ފްރާންސް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ރެކޯޑް 37 ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގައި ކުޅުނު މި މެޗުގައި، ފްރާންސް ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ. އެޓީމުން ރަނގަޅު ފުރުސަތެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވި އިރު ދުރުން ފޮނުވާލި ހަމަލާތައް ވެސް ވަނީ ކާމިޔާބު ނުވެފަ އެވެ.
ޕެރަގުއޭ އިން މޮޅަށް ޑިފެންސް ކުރި މި މެޗުގައި ފްރާންސަށް ޕެނަލްޓީއެއް ލިބުނީ ޑިއޭގޯ ގޮމޭޒް އޭރިއާ ތެރެއިން ޑިޒިރޭ ޑޫއޭ އަށް ފައުލް ކޮށްގެންނެވެ. ރެފްރީ މި ޕެނަލްޓީ ދިނީ ވީއޭއާރު ރިވިއުއަށް ފަހު އެވެ.
ދެވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކުގެ ކުޑަ އިރުކޮޅެއް ކުރިން މެޗުގެ 70 ވަނަ މިނިޓުގައި ފްރާންސްގެ ޕެނަލްޓީ ޖަހައިދިނީ ކިލިއަން އެމްބާޕޭ އެވެ.
މިއީ އޭނާ މި ވޯލްޑް ކަޕްގައި ޖެހި ހަތްވަނަ ލަނޑެވެ. އަދި ވޯލްޑް ކަޕްގެ ތާރީހުގައި އޭނާ މިހާތަނަށް ކުޅުނު 19 މެޗުން ކާމިޔާބު ކުރި 19 ވަނަ ގޯލެވެ. މި އަހަރުގެ ލަނޑު ލިސްޓުގައި އާޖެންޓީނާގެ ލިއޮނެލް މެސީ އާއެކު އެމްބާޕޭ އެންމެ ކުރީގައި އޮތް އިރު، ވޯލްޑް ކަޕްގެ އޯލް ޓައިމް ލަނޑު ލިސްޓުގައި އޭނާ މެސީއާ އެއްވަރު ކުރަން ބޭނުމީ އެންމެ ގޯލެކެވެ.
ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި އެމްބާޕޭ ވަނީ ފުލުފުލުގައި ނުރައްކާތެރި ދެ ހަމަލާ ފޮނުވާލައިފަ އެވެ. ނަމަވެސް ޕެރަގުއޭގެ ގޯލްކީޕަރު އޯލެންޑޯ ހިލް ވަނީ ދެ ހަމަލާ ވެސް ދިފާއު ކޮށްފަ އެވެ.
މިއީ ފްރާންސް ޖެހިޖެހިގެން ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި ހަތަރުވަނަ ފަހަރެވެ. މި މުއްދަތުގައި އެ ޓީމު ވަނީ ދެ ފަހަރު ފައިނަލްގައި ވާދަ ކޮށް އެއް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
މި އަހަރުގެ ކުއާޓާ ފައިނަލްގައި، ބުރާސްފަތި ދުވަހުގެ ރޭ 1 ޖަހާއިރު ފްރާންސް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ