ބެންގަލޫރުގައި އެއްއިރެއްގައި އެކި ގޮތްގޮތުން ގުޅިފައިވާ 1400 އަށްވުރެ ގިނަ ފެންގަނޑުތަކާއި ކުޅިތައް ހުއްޓެވެ. ނަމަވެސް، މިއަދު އޭގެ ތެރެއިން ފެންނަން އޮތީ ވަރަށް މަދު މިންވަރެކެވެ.
ގުދުރަތީ ގޮތުން ފެން ދައުރުވާން ހުރި މަގުތަކުގައި އިމާރާތްތައް ބިނާކުރުމުގެ ސަބަބުން، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް އޮތް ގާބިލުކަން މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
ފަހަކަށް އައިސް ބެންގަލޫރުގައި ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވަމުންދަނީ ކުއްލިއަކަށް ނިންމި ނިންމުމެއްގެ ސަބަބަކުން ނޫނެވެ. މިއީ އެތައް އަހަރުތަކެއް ވަންދެން، ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ނައިސް، މަޑުމަޑުން އިތުރުވަމުންދިޔަ ކުދިކުދި ބަދަލުތަކެއްގެ ނަތީޖާއެވެ. ވަކިވަކިން ބަލާއިރު މިއީ ކުދިކުދި ބަދަލުތަކެއް ނަމަވެސް، މިއަދު މީގެ ގެއްލުން މުޅި ސިޓީއަށް ވަނީ ކުރިމަތިވެފައެވެ. މިއީ ސަރުކާރުގެ އިދާރާތަކުން ބަލަހައްޓާ އުމްރާނީ ވަސީލަތްތަކުގެ ވަށައިގެން އަންނަމުންދާ ބަދަލުތައް ދެނެގަނެވޭނެ ނިޒާމެއް ނެތުމުން ދިމާވާ ކަންތައްތަކެކެވެ.
ކަމަކީ ހަމައެކަނި ބެންގަލޫރަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ. މުޅި އިންޑިއާގެ ހުރިހާ ސިޓީތަކެއްގައިވެސް މިއީ އޮތް ބިނާރީ ބޮޑު މައްސަލައެކެވެ.
އެތައް އަހަރުތަކެއް ވަންދެން އިންޑިއާގެ ވުޒާރާތަކާއި އުމްރާނީ ތަރައްގީގެ އިދާރާތައް މަސައްކަތް ކުރަމުންދިޔައީ އެއް އިދާރާއަކުން ކުރާ ކަމެއް އަނެއް އިދާރާއަކަށް ނޭނގޭ ފަދަ ގޮތަކަށެވެ. ވުޒާރާތަކުން ބަލަހައްޓަމުން ދިޔައީ ވަކިވަކި ޑޭޓާބޭސްތަކެކެވެ. ތަރައްގީގެ މަޝްރޫއުތައް ރާވަމުންދިޔައީ އެހެން އިދާރާތަކާ ގުޅުމެއް ނެތި އަމިއްލަ އަމިއްލައަށެވެ.
މުޅި ގައުމުގެ ބިމުގެ ރެކޯޑުތަކާއި، ދަތުރުފަތުރުގެ ނިޒާމާއި، ފެން ހިންދާ ނިޒާމުތަކުގެ މަސައްކަތްތައް ހުރީ އެކަހެރިކޮށް، ވަކިވަކި އިދާރީ އޮނިގަނޑުތަކެއްގެ ތެރޭގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަސައްކަތްތައް ތަކުރާރުވުމާއި، ތަރުތީބު އޮޅުމާއި، ހުއްދަތައް ލިބުން ލަސްވުން ފަދަ އެތައް މައްސަލަތަކެއް ކުރިމަތިވެ، ބޮޑެތި ގެއްލުންތަކެއް ދިޔައީ ވަމުންނެވެ.
އިންޑިއާގެ 'ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ' ގެ ދަށުން ތައާރަފުކުރި އާދާރު، ޔޫ.ޕީ.އައި އަދި ޑިޖިލޮކާ ފަދަ ވަސީލަތްތަކުން ދައްކުވައިދިނީ، ސަރުކާރުގެ ނިޒާމުތައް އެއް މިންގަނޑަކުން ގުޅާލުމުން މަސައްކަތްތައް މާ ހަރުދަނާ ވާކަމެވެ. 'ޕީ.އެމް ގަތީ ޝަކްތީ' މަޝްރޫއަކީ ހަމަ މި އުސޫލު އުމްރާނީ ތަރައްގީގެ ދާއިރާއަށް ތައާރަފުކުރުމެވެ.
2024 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް އައިއިރު، 'ނޭޝަނަލް މާސްޓާ ޕްލޭން' ގެ ދަށުން މަރުކަޒީ ސަރުކާރުގެ 44 ވުޒާރާއަކާއި، 36 ސްޓޭޓާއި ޔޫނިއަން ޓެރިޓަރީތަކުގެ އިތުރުން 1600 އަށްވުރެ ގިނަ 'ޖިއޯސްޕޭޝަލް ޑޭޓާ ލޭޔަރުތައް' (މަގުތަކާއި، ކޯރުތަކާއި، ޖަންގަލިތަކާއި، ފެން ހިންދާ ނިޒާމު ފަދަ މައުލޫމާތުތައް) ވަނީ އެއް ޗާޓެއްގެ މައްޗަށް ޖީ.އައި.އެސް ޕްލެޓްފޯމެއްގައި ގުޅާލެވިފައެވެ.
އެހެންނަމަވެސް، އިންޑިއާއިން މި މަސައްކަތް ކަރުދާހުގައި ނިންމާލި ކަމުގައިވިޔަސް، އަމަލީ ގޮތުން މިކަމަށް އަދި ވަގުތުން ހައްލެއް ނުހޯދެއެވެ.
އެންމެން ހިއްސާވާ ޗާޓެއް އޮތުމަކީ، ކަންކަން ހިނގަމުންދާ ގޮތް މެދުނުކެނޑި އެނގުމެއް ނޫނެވެ. ޗާޓަކުން އެނގޭނީ ތަކެތި ހުރި ތަނެވެ. ނަމަވެސް، އެ ތަކެއްޗަށް ވަމުންދާ ގޮތެއް ޗާޓަކުން ނޭނގޭނެއެވެ.
ބެންގަލޫރުގެ ފެން ހިންދާ ނިޒާމުގެ މައްސަލަ ބޮޑުވުމުގެ ވާހަކަ ދެއްކުމުގެ ކުރިން، ކަމާބެހޭ އިދާރާތަކަށް ބޭނުންވީ ކޮން ކަމެއްތޯ ބަލާލަމާ ހިނގާށެވެ. އެމީހުންގެ އަތުގައި އޮތީ ކުޅިތައް ހުރި ތަންތަން ދައްކައިދޭ ޗާޓެކެވެ. އެކަމަކު ހަގީގަތުގައި ބޭނުންވަނީ މިއަށްވުރެ ވެސް ފުރިހަމަ ޗާޓެއް ނޫނެވެ.
ބޭނުންވަނީ އަހަރުން އަހަރަށް އެ ތަންތަނަށް އަންނަމުންދާ ބަދަލުތައް މެދުނުކެނޑި ބެލޭނެ ނިޒާމެކެވެ. ފެންބޮޑުވެގެން ބިމަށް ފެންގަޑު އަރައިގަންނަނީ ކޮންތާކުން ކިހިނެތް ކަމާއި، ފެން ހިންދާ ކާނުތައް ބެދެމުންމުންދަނީ ކިހާ ވަރަކަށްކަމާއި، ބިން ބޭނުންކުރާ ގޮތަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާރޭފެން ހިންދުމަށް ހުރި ހުރަސްތަކަކީ ކޮބައިކަން އެނގެން ޖެހެއެވެ.
ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ މަސައްކަތްތަކަށްވެސް މި ގޮންޖެހުން އެބައޮތެވެ. މުދާ އުފުލާ މަގުތައް ކަރުދާހުގައި ކިތަންމެ ފުރިހަމަޔަށް އޮތް ނަމަވެސް، ތަކުރާރުކޮށް ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމާއި، އާބާދީ އިތުރުވުމުގެ ސަބަބުން އެ މަސައްކަތްތަކަށް ހީނަރުކަން އާދެއެވެ.
އުމްރާނީ ތަރައްގީއާއި ތިމާވެށީގެ ނިޒާމުތަކަކީ ވަކިވަކި ދެ ދާއިރާގެ ގޮތުގައި ދެން ނުބެލެވޭނެއެވެ. ނަމަވެސް، ސަރުކާރުގެ އިދާރާތައް އުފެދިފައިވަނީ ދޭތެރެ ދޭތެރެއިން ސާވޭތަކާއި އިންސްޕެކްޝަންތަކުގެ ޒަރީއާއިން ކަންކަން ބެލުމަށެވެ. ގިނަ ފަހަރަށް ފެންބޮޑުވާކަން އެނގެނީ ފެން ހިންދާ ނިޒާމު ފޭލުވުމުންނެވެ. ތިމާވެއްޓަށް ގެއްލުން ލިބޭކަން އެނގެނީ އެކަން ވެ ނިމުމުންނެވެ. އިދާރާތަކަށް މި ނުރައްކާތައް ފާހަގަވާއިރު، އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ ހޭދަ އޮންނަނީ އިންތިހާއަށް ބޮޑުވެފައެވެ.
ބެންގަލޫރަށް ކުރިމަތިވެފައިވާ ފަދަ ސުވާލުތަކަކީ، އެއް ފަހަރު ކުރާ ސާވޭއަކުން ހައްލު ހޯދޭނެ ކަންކަމެއް ނޫނެވެ. ބިންތަކަށް ފެންގަނޑު އަރައިގަންނަނީ ކިހިނެއްތޯއާއި، ފެން ހިންދުމަށް އޮތް ހުރަސްތަކަކީ ކޮބައިތޯ ބެލުމަށް ބޭނުންވަނީ މެދުނުކެނޑި ކަންކަން ބަލާނެ ނިޒާމެކެވެ.
މިފަދަ މެދުނުކެނޑި ބަލާނެ ޓެކްނޮލޮޖީ މިހާރު ދަނީ ތަރައްގީވަމުންނެވެ. 'އެސްރީ އިންޑިއާ' ގެ އާކްޖީ.އައި.އެސް ފަދަ ވަސީލަތްތަކުގެ ސަބަބުން، އެކި ތަންތަނުގައި ހުރި މައުލޫމާތުތައް އެއް ތަނަކުން ފެންނަން ހުރެއެވެ. 'ސެޓްސުއާ' ގެ 'ދާރިނީ' އަކީ މި މަސައްކަތް އިތުރަށް ފުޅާކޮށް، ސެޓަލައިޓް މެދުވެރިކޮށް ބިމަށް އަންނަ ބަދަލުތައް ވަގުތުން ވަގުތަށް އިދާރާތަކަށް ފެންނާނެ ގޮތް ހަދައިދޭ ވަސީލަތެކެވެ.
އެއް ފަހަރު ނަގާ ފޮޓޯއަކުން އެނގޭނީ އެ ވަގުތު ކަން އޮތް ގޮތެވެ. ނަމަވެސް، މެދުނުކެނޑި ބަލަމުން ދިއުމުން ކަންކަން އިތުރަށް ގޯސްވަނީތޯ ނުވަތަ ރަނގަޅުވަނީތޯ އެނގި، ހަރަދު ކުޑަކޮށް މައްސަލަ ހައްލުކުރެވޭނެ ފުރުސަތު ލިބެއެވެ.
'ގަތީ ޝަކްތީ' މަޝްރޫއުގެ އަސްލު ބޭނުމަކީ މިއީއެވެ. މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކުރުމުން، އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިވުމުގެ އިތުރުން، ތާރީހީ މައުލޫމާތުތައް ރައްކާކުރެވިފައި ހުރެއެވެ. މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ވެދާނެ ގޮތްތައް ލަފާކުރުމާއި، ތިމާވެށީގެ ނުރައްކާތައް ދެނެގަތުމާއި، މަޝްރޫއުތައް ހިނގާ ގޮތް ބެލުން ފަދަ ކަންކަން ކުރަން މާ ފަސޭހަވެގެންދާނެއެވެ.
އިންޑިއާއިން މި ގޮންޖެހުމާ ކުރިމަތިލަނީ ވަރުގަދަ އަސާސެއްގެ މަތީގައެވެ. ޑިޖިޓަލް އުމްރާނީ ތަރައްގީގައި އިންޑިއާއިން ވަނީ، މައުލޫމާތު ހިއްސާކޮށްގެން ހިންގާ ނިޒާމުތައް މާ ކާމިޔާބުކަން ސާބިތުކޮށްދީފައެވެ. މިހާރު އޮތް ގޮންޖެހުމަކީ، ޑިޖިޓަލް މުއާމަލާތްތަކުގައި ބޭނުންކުރި މި އުސޫލުތައް، އަމަލީ ދުނިޔޭގެ ކަންކަން ބެލެހެއްޓުމުގައިވެސް ބޭނުންކުރަން ފެށުމެވެ.
ނަމަވެސް، އަދިވެސް ފޫބައްދަންޖެހޭ ބޮޑު ރޮނގެއް އެބައޮތެވެ. އެއީ އިންޑިއާގެ އެކި ސްޓޭޓްތަކުގައި ބިމުގެ ރެކޯޑުތައް ޑިޖިޓަލްކޮށްފައިވާ މިންވަރު އެއްވަރެއްގައި ނެތުމެވެ. އިދާރީ ނިންމުންތައް ހަރުދަނާވާނީ، އެ ނިންމުންތައް ބިނާކުރާ ޖިއޯސްޕޭޝަލް ޑޭޓާ ނުވަތަ ބިމުގެ މައުލޫމާތުތަކަކީ އިތުބާރު ހުރި ސައްހަ މައުލޫމާތުތަކަކަށް ވެގެންނެވެ. އެހެންކަމުން، މި ނިޒާމުގެ ބިންގާ އިތުރަށް ވަރުގަދަކުރަން މިއަދު ވަނީ ޖެހިފައެވެ.
ބޯކޮށް ވާރޭވެހުމުން ފެންބޮޑުވުން ހައްލުކުރެވޭނެ ގޮތެއް ބެންގަލޫރުގައި ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ