އިއްތިހާދު އެއާވޭސް އިން ރާއްޖެ އަށް ބާއްވާ ފްލައިޓްތައް އިތުރު ކުރަން ނިންމާފައިވާކަން އެ އެއާލައިނުން އިއުލާނުކޮށްފި އެވެ.
ރާއްޖެއަށް ގިނަ އަދަދަށް ޓޫރިސްޓުން އުފުލާ އިއްތިހާދު އެއާވޭސް އިން ބުނި ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ މައި ސީޒަނާ ދިމާކޮށް، އެ އެއާލައިނުން ހަފުތާއަކު 11 ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އިއްތިހާދު އެއާވޭސްގެ ޗީފް އެގްޒެޓިވް އޮފިސަރު ޕީޓަ ބާމްގަޓްނާ ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން، އަބޫދާބީ-މާލެ ފްލައިޓްތައް އިތުރު ކުރާނެ ކަމަށެވެ.
"ޓޫރިޒަމް ޑިމާންޑް އިތުރުވަމުންދާތީ ފްލައިޓްތައް އިތުރު ކުރަނީ. މިއާއެކު ހަފުތާއަކު 11 ފްލައިޓަށް ބަދަލުވެގެންދާނެ،" ޕީޓާ ވިދާޅުވި އެވެ.
އިއްތިހާދު އެއާވޭސް އިން މިހާރު ރާއްޖެއަށް ބާއްވަނީ ހަފުތާއަކު ހަތް ފްލައިޓެވެ. ފްލައިޓްތައް އިތުރު ކުރުމާއެކު އެއާލައިން ރާއްޖެއަށް އިތުރަށް ފްލައިޓްތައް އޮންނާނީ ހޯމަ ދުވަހާއި ހުކުރު އަދި އާދިއްތަ ދުވަހު އެވެ. އަދި މި ދަތުރުތަކުގައި މި އެއާލައިނުން ބޭނުންކުރާނީ އެއާބަސް އޭ-320 އެވެ. މީގެ ބޯޓެއްގައި ބިޒްނަސް ކްލާހުގެ 16 ގޮނޑި އާއި އިކޮނޮމީ ކްލާހުގައި 120 ގޮނޑި ހުރެ އެވެ.
މި އެއާލައިންއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލާ އެއް އެއާލައިންނެވެ. އިއްތިހާދު އެއާވޭސް އިން އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް އިނގިރޭސިވިލާތާއި ޖަރުމަނުވިލާތް އަދި ފްރާންސާއި އިޓަލީ ވިލާތް ހިއްސާ ކުރެވެ އެވެ. އަދި މެދުއިރުމަތިން އަންނަ ގިނަ ބަޔަކު ވެސް މި އެއާލައިނުން ދަތުރު ކުރެ އެވެ.
އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ.
އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ފްލައިޓްތައް އިތުރު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ