ވިލިނގިލިން ސްޕެއާ ގެނެސް، މާމެންދޫއަށް ކަރަންޓު ދީފި

ގއ. މާމެންދޫގައި އިއްޔެ ހެނދުނުއްސުރެއް ކަރަންޓު ކެނޑިފައި އޮތުމަށް ފަހު، ރޭ އެ ރަށަށް އަލުން ކަރަންޓު ދީފި އެވެ.
މާމެންދޫއިން ކަރަންޓު ކެނޑިފައި ވަނީ އެ ރަށަށް ކަރަންޓުދޭ ދެ އިންޖީނުގެ ތެރެއިން 200 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ސްޓާޓިން މޯޓަރު ހަލާކު ވެގެންނެވެ. އަދި ފެނަކަ ކޯޕަރޭޝަން އިން މަސައްކަތް ކުރަމުން އައީ މާލެއިން އާ ސްޓާޓިން މޯޓަރެއް ގެނެސް މާމެންދޫއަށް ކަރަންޓު ދިނުމަށެވެ.
އެކަމާ ގުޅޭ ގޮތުން "އަވަސް"އާ ވާހަކަދައްކަވަމުން މާމެންދޫ ކައުންސިލް ރައީސް މުހައްމަދު ޒައީމް މިއަދު ވިދާޅުވީ މާލެއިން މާމެންދޫއަށް ގެނައި ސްޓާޓާ ޕެކުތައް އެ ރަށުގައި ހުރި ޖެނަރޭޓަރުތަކާ ދިމާ ނުވާތީ ހަރު ނުކުރެވުނު ކަމަށެވެ. އެހެންކަމުން އަލުން އެ އަތޮޅު ވިލިނގިލިން ސްޓާޓާ މޯޓަރެއް ގެނެސް ހަރު ކުރުމަށް ފަހު ރޭ. 11:30 ހާއިރު މުޅި ރަށަށް ކަރަންޓު ދީފައިވާ ކަމަށް ޒައީމް ވިދާޅުވި އެވެ.
"ރޭ ކަރަންޓު ލިބިއްޖެ މުޅި ރަށަށް ދާއިމީ ކަރަންޓު ލިބިއްޖެ، މިހާރު ކުރާ މަސައްކަތަކީ މާލެއިން ގެނައި ސްޓާޓަ މޯޓަރު އަނބުރާ ފޮނުވާލުން،" ޒައީމް ވިދާޅުވި އެވެ.
އާބާދީގައި ގާތްގަނޑަކަށް 1500 އެއްހާ މީހުން ދިރިއުޅެމުން އަންނަ މާމެންދޫއަށް އަލުން ކަރަންޓު ދީފައިވާ އިރު ރޭ ވަނީ ގދ. ވާދޫ އިން ވެސް ކަރަންޓު ކެނޑިފަ އެވެ. ނަމަވެސް އެ ރަށުގެ ހާލަތާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް މިހާތަނަށް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ