ވިލާ އަތުން ރަށްތައް އަތުލި މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނި ވިލާއަށް ދޫކުރި ރަށްތަކާއި ފަޅުތައް އަނބުރާ ސަރުކާރަށް ނެގި މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް އެ ކުންފުނިން ހުށަހެޅި މައްސަލަ ބައިލަގަނެ، އަޑުއެހުންތައް މާދަމާއަށް ތާވަލުކޮށްފި އެވެ.
ރިސޯޓް ހެދުމަށް ވިލާއަށް ދޫކުރި ބައެއް ރަށްތަކާއި ފަޅުތައް ސަރުކާރުން އަތުލީ 2015 ވަނަ އަހަރު އެވެ. އެ މައްސަލަ ކޯޓަށް ވިލާއިން ވެއްދުމުން ދަށު ކޯޓުން އެ ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިންމި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރަށްތަކާއި ފަޅުތައް އަތުލީ ރަނގަޅަށް ކަމަށް ކަނޑައަޅާފަ އެވެ.
ހައިކޯޓުން ރަށްތަކާއި ފަޅުތަކާ ގުޅޭ ގޮތުން ހުކުމް އިއްވި ފަސް މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅިއިރު މާދަމާއަށް އެ ކޯޓުން ވަނީ އެ ފަސް މައްސަލާގެ އަޑުއެހުންތައް ތާވަލުކޮށްފަ އެވެ.
އެ ރަށްތަކާއި ފަޅުތަކުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވާއިރު އެ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު ހޯދަން މީރާއިން ވަނީ ވިލާއާ ދެކޮޅަށް ދައުވާކޮށްފަ އެވެ. ސިވިލް ކޯޓުގައި އެ މައްސަލާގައި ޝަރީއަތް ވެސް ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ