ރައްޔިތުން މާޔޫސްނުކޮށް ރަނގަޅީ ޕާޓީތައް ވަކިން ވާދަކުރުން: މަހުލޫފް

އިދިކޮޅު ޕާޓީތަކުގެ މެންބަރުން މާޔޫސް ނުކޮށް އެންމެ ބުއްދިވެރި ގޮތަކީ ޕާޓީތައް ވަކިވަކިން ރިޔާސީ އިންތިހާބަށް ނުކުތުން ކަމަށް އިދިކޮޅުގައި ހިމެނިވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި އެއް ކެންޑިޑޭޓެއް ނެރުމާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުންތައް ބޮޑުވެ ފާޅުގައި އެއް ޕާޓީން އަނެއް ޕާޓީއަށް ބަހުގެ ހަމަލާތައް ދޭން ފަށާފައިވާތީ އެވެ.
ގޭ ބަންދުގައި ހުންނެވި ކުރެއްވި ޓްވީޓެއްގައި މަހުލޫފް ވިދާޅުވީ، ކޯލިޝަންގެ ހަތަރު ޕާޓީއަކީ ތަފާތު ފިކުރެއް އަދި ވިސްނުމެއް ކަމަށެވެ. ހިޔާލު ތަފާތުވެ އެއް ބަޔަކު އަނެއް ބަޔަކަށް މީޑިއާގަ ބަހުގެ ހަމަލާތައްދީ ރައްޔިތުން މާޔޫސް ކުރުމަށްވުރެ ޕާޓީތަކުން ވަކިވަކިން ވާދަކުރުން މިހާރު މާ ބުއްދިވެރި ކަމަށެވެ.
"އެއްބުރުން ވިޔަސް ދެ ބުރުން ވިޔަސް އިރާދަކުރެއްވިއްޔާ ރައީސް އަބްދުﷲ ޔާމީން ބަލި ކުރާނަން،" މަހުލޫފް ވިދާޅުވި އެވެ.
އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީ ވެސް އެ ޕާޓީގެ ކެންޑިޑޭޓެއް ނެރެން ބޭނުންވާއިރު މިހާތަނަށް ވެސް އެއް ކެންޑިޑޭޓަކު ނެރެން އެއް ގަލަކަށް ނޭރުނެވެ.
އެމްޑީޕީއިން ވެސް ވަކިން ކެމްޕެއިން ކުރަމުންދާއިރު ޖުމްހޫރީ ޕާޓީން ވެސް ވަނީ ކެމްޕެއިން ފަށާފަ އެވެ. އަދި އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެއް ކެންޑިޑޭޓެއް ނުދެއްކިއްޖެނަމަ ޖުމްހޫރީ ޕާޓީން ވަކިން ވާދަ ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. ބެލެވޭ ގޮތުގައި ވަކިން ވާދަ ކުރުމަށް އެމްޑީޕީއިން ވެސް ކޮންގްރެސްގައި ނިންމާނެ އެވެ.
އެ ދެ ޕާޓީއަށް ނިސްބަތް ނުވާ ދެން އިދިކޮޅުގައި ތިއްބެވި އެހެން ބޭފުޅުން ވެސް އިންތިހާބަށް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ